މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ މަޖިލިސް މެންބަރުން ތާޅަފިއްޔާއި ދުންމާރި ފުމެ އަޑުގަދަ ކުރަމުންދާތީ މަޖިލިސް މެދުކަނޑާލައިފި އެވެ.

މިއަދު ހެނދުނު މަޖިލިސް ފެށުމާއެކު އެމްޑީޕީގެ މެމްބަރުން ވަނީ ގޮނޑިންތެދުވެ ދުންމާރިއާއި ތާޅަފިލި ބޭނުންކޮށްގެން މަޖިލިސްތެރޭގައި އަޑުގަދަ ކުރަން ފަށައިފައެވެ. އަދި ބައެއް މެމްބަރުން، ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައްވަމުން ވަޑައިގެން، މަޖިލީހުގެ ރިޔާސަތުގައި ރައީސް އިންނަވާ މޭޒުކޮޅާ ހަމައަށްވެސް ވަޑައިގެން އަޑުގަދަކުރައްވާފައި ވެއެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވަނީ މަޖިލިސްގެ ރައީސްގެ މޭޒުކޮޅުގައި، ތައްޕުޅު އަޅުއްވައިގެން އޮވެ އަޑުގަދަކުރައްވައިފައެވެ.

މަޖިލީހުގެ 'ފީޑް' ކަނޑާލާފައިވުމުގެ ސަބަބުން އެމަންޒަރުތައް ނުފެނެއެވެ. މިއަދުގެ ޖަލްސާއާ ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް 'ސަން' އަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަޑުގަދަ ކުރަން ފެށުމުން ޖަލްސާ މެދު ކަނޑާލާފައިވާ ކަމަށެވެ. ދެން ޖަލްސާ ފެށޭނީ 1:30 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި މިއަހަރަށް މަޖިލިސް ހުޅުވުނު ދުވަހުން ފެށިގެން ޖަލްސާ އޮއްނަ ކޮންމެ ދުވަހަކު އެމްޑީޕީގެ މެންބަރުން ދަނީ މަޖިލީސް ތެރޭގައި އިހުތިޖާޖު ކުރައްވަމުންނެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުން، ކުރީގެ ރައީސް ނަޝީދު ދޫކޮށްލަންދެން އެބޭފުޅުން އިހުތިޖާޖު ކުރާނެ އެވެ.

އެމްޑީޕީގެ މެންބަރުންގެ އަމަލުތަށް އެހެން ހުރި އިރު، މަޖިލިސް ކުރިއަށްގެންދާ ވަގުތުތަކުގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ބަހުސް ކުރައްވަމުންދަނީ ހެޑްސެޓް އަޅުއްވައިގެން ތިއްބަވައިގެންނެވެ. އެފަދަ ވަގުތުތަކުގައިވެސް އެމްޑީޕީގެ މެމްބަރުން އަޑުގަދަކުރައްވައި، މެންބަރުންގެ މޭޒުކައިރިއަށް ވަޑައިގެން ހުރަސްއަޅުއްވާ މަންޒަރު ފެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި، ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ގާނޫނަށް ހުށަހަޅާ އިސްލާހަށް ބަހުސް ކުރުމާއި ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ހެންވޭރު މާބަނޑޭރިއާގެ އަހްމަދު ޒުހޫރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާތީ އެނަން ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވުން ހިމެނެއެވެ.