16 Mar 2015, 10:03
ހެލްތު މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ހެންވޭރު މާބަނޑޭރިއާގެ އަހްމަދު ޒުހޫރު އަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީ އަށް މިއަދު ފޮނުއްވައިފި އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ޒުހޫރުގެ ނަން ދިރާސާ ކުރުމަށް ކޮމިޓީ އަށް ފޮނުއްވާފައިވާ އިރު އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އޭނާ އައްޔަން ކުރައްވާފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.
ހެލްތު މިނިސްޓްރީގެ ދަށުން ޖެންޑާގެ މަސައްކަތްތައް އަތުލައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ނަމުގައި ވުޒާރާއެއް އުފައްދައި ރައީސް ޔާމީން ވަނީ އެ މިނިސްޓްރީ ހިންގެވުން ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ހަވާލުކުރައްވައިފަ އެވެ.
އޭގެ ފަހުން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޝަކީލާ އަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުން ވަނީ ރުހުން ނެތް ކަމަށް ފާސްކޮށްފަ އެވެ. އޭގެ ފަހުން މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަމުން ގެންދެވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމެވެ.
ނާޒިމް މިނިސްޓަރު ކަމުން ވަކިކުރެއްވުމަށް ފަހު މިއަދާހަމައަށް ރައީސް ޔާމީން އެ މިނިސްޓްރީ ހިންގެވުން ހަވާލުކުރައްވާފައި ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ އެވެ.