16 Mar 2015, 09:43
މަޝްހޫރު ހޮލީވުޑް ފިލްމް، "ދި އަޔަން މޭން" އަދި "ދި އެވެންޖާސް" ގައި ފެނިގެންދާ ސުޕަހީރޯ އަޔަންމޭން ނުވަތަ ޓޯނީ ސްޓާކުގެ ބައި ކުޅެމުން އަންނަ އެކްޓަރު ރޮބާޓް ޑައުނީ ޖޫނިއާ، އެއް އަތް ނެތް ކުއްޖަކަށް މަސްނުވީ 'އަޔަންމޭން'ގެ އަތެއް ހަދިޔާކޮށްފި އެވެ.
ފްލޮރިޑާއަށް އުފަން ކަނާތް އެއްކޮށް ފުރިހަމައަށް ނުއުފެދި ހުރި އުމުރުން ހަތް އަހަރުގެ އެލެކްސް ޕްރިންގަށް، ޑައުނީ ހަދިޔާކޮށްފައިވަނީ އަޔަންމޭންގައި އޭނާ ލާ ސުއިޓުގައި ބޭނުންކުރާ އަތާ އެއްގޮތަށް ތައްޔާރުކޮށް ހަރަކާތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މަސްނުވީ އަތެކެވެ.

ޑައުނީ (ވ) އާއެކު އެލެކްސް ---
އެ އަތް އެލެކްސަށް ހަދިޔާކުރުމަށްފަހު ޑައުނީ ވަނީ، އެޓްލާންޓާގައި މިހާރު އޭނާ ކުޅެމުންދާ ކެޕްޓަން އެމެރިކާގެ އާ ފިލްމުގެ މަންޒަރުތައް ނަގާއިރު އޭނާ އާއެކު ބައިވެރުމަށް އެލެކްސަށް ދައުވަތު ދީފަ އެވެ.
މިދިޔަ ހުކުރު ދުވަހު ޑައުނީ ގެ ފޭސްބުކް ޕޭޖުގައި ޕޯސްޓް ކޮށްފައިވާ ސްޓޭޓަސް އެއްގައި ބުނެފައިވަނީ، އެލެކްސް އަކީ މިހާތަނަށް އޭނައާ ދިމާވި އެ އުމުރުގެ ކުދިންގެ ތެރެއިން އެންމެ ރީތި ކުއްޖާ ކަމަށެވެ.
އެލެކްސްއަށް ޑައުނީ ހަދިޔާކުރި އަތަކީ ތްރީޑީ ޕްރިންޓް ޓެކްނޮލޮޖީ ބޭނުން ކޮށްގެން މަސްނުވީ ހުޅުތައް އަގު ހެޔޮކޮށް ކުދިންނަށް ތައްޔާރުކޮށްދޭ، ޔުނިވާސިޓީ އޮފް ސެންޓްރަލް ފްލޮރިޑާގެ މެކޭނިކަލް އިންޖިނިއަރިން އިން ޕީއެޗްޑީ ހާސިލްކޮށްފައިވާ ހުނަރުވެރިއެއް ކަމަށްވާ އަލްބާޓް މަނޭރޯ ހިންގަމުން އަންނަ ވޮލަންޓްރީ ގްރޫޕެއް ކަމަށްވާ، "ލިންބްއިޓްލެސް ސޮލިއުޝަން" އިން ފަރުމާކޮށް، މައިކްރޯސޮފްޓާ ގުޅިގެން ހަދިޔާކުރި އަތެކެވެ.
"ކުދިންނަށް ގަނެވޭވަރުގެ ހެޔޮ އަގުގައި މަނޭރޯ އަދި ލިންބްއިޓްލެސް އިން ހަދައިދޭ މަސްނުވީ ހުޅުތަކުގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ހުނަރު ދައްކާލަން ބޭނުންވާ އެފަދަ ކުދީންނަށް އެހީ ލިބިގެންދާނެ،" މަނޭރޯއަށް ޝުކުރުއަދާކޮށް ޑައުނީ ބުނެފައިވެ އެވެ.