ފުލުހުންގެ މަސައްކަތާއި އަދުލު އިންސާފު ގާއިމު ކުރަން ކޯޓު ތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ ޒިންމާދާރު ގޮތުގައި ވެރިކަން ކުރުމަށް އިދިކޮޅު ޑީއާރްޕީން ސަރުކާރަށް ގޮވާލައިފި އެވެ.

މަރާމާރީއެއްގައި މާލޭގައި މަރުވި މީހެއްގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި ގ. ކޯޒީ އިބްރާހީމް ޝަހުމު އާދަމް، 19، ހަ މަސް ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު، މަރުވި މީހާއާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީން ލިބެން ޖެހޭ އެއްބާރުލުން ނުލިބިގެން ކްރިމިނަލް ކޯޓުން ދޫކޮށްލުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް ޑީއާރްޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައިގައި ދެ ކަމެއް ފާހަގަވާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ މިނިސްޓްރީ އަކުން ލިބެންޖެހޭ ރިޕޯޓެއް ނުލިބިގެން ހަ މަސް ދުވަސް ފާއިތުވީ އިރު، ތުހުމަތުގައި މީހަކު ބަހައްޓަން ޖެހުމާއި މީހަކު މެރުން ފަދަ ސީރިއަސް މައްސަލަ އެއްގެ ތުހުމަތުގައި ބަހައްޓާފައި ހުރި މީހަކު ސަރުކާރުގެ މިނިސްޓްރީއަކުން ލިބެންޖެހޭ ރިޕޯޓެއް ނުލިބިގެން ދޫކޮށްލަން ޖެހުން ވަނީ ފާހަގަކޮށްފަ އެވެ.

"މިދެ ކަމަކީ ވެސް ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ. އެހެން ކަމުން ދިވެހި ރައްޔިތުންގެ ޕާޓީން ސަރުކާރުގެ މި ޢަމަލު ކުށްވެރިކޮށް މުޖްތަމަޢުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުން ކުރާ މަސައްކަތްތަކާއި އަދި ޢަދުލު އިންސާފު ގާއިމު ކުރުމަށް ކޯޓުތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ ޒިންމާދާރު ގޮތުގައި ވެރިކަން ކުރުމަށް މިސަރުކާރަށް ހަރުއަޑުން ގޮވާލަމެވެ." ޑީއާރްޕީގެ ބަޔާނުގައި ވެއެވެ.

މުޖްތަމަޢުގެ އަމާން ކަމާއި ގުޅިފައިވާ މައްސަލަތަކުގައި ސަރުކާރުން ޒިންމާދާރު ކަން ކުޑަ ގޮތެއްގައި އަމަލަ ކުރަމުންދާއިރު އެ ޢަމަލު ތައް ހުއްޓުވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އަދާ ކުރަން ޖެހޭ ރޯލު ވެސް ޒިންމާދާރު ކަމާ އެކީ އަދާ ކުރުމަށް ޑީއާރުޕީން ވަނީ ގޮވާލާފަ އެވެ.