ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ބިން ހިއްކައި ނިމިއްޖެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު 'ސަން' އަށް ވިދާޅުވީ ޑްރަޖަރު ބޭނުންކޮށްގެން ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ރޭ 1:00 ގެ ކުރިން ހިއްކާ ނިމިފައިވާ ކަމަށެވެ.

ބެލްޖިއަމްގެ ޑްރެޖިން ކުންފުނިން ރާއްޖެ ގެނެސްފައިވާ "ލިއެވް އެެރިކްސަން" ނަމަކަށް ކިޔާ ޑްރެޖަރުގެ ވެސް ވަނީ ބިންހިއްކާ ނިންމާލުމަށް ފަހު މިއަދު ހެނދުނު ފުރާފައި ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.

"ބޯޓްވެސް ފުރައިފި ހަގަޑިބައި، ހަތެއް ޖަހާކަންހާއިރު، ރޭ ބާރަގަޑިބަޔާއި އެކެއް ޖަހާކަންހާއިރު ބޯޓް ވެލިއަޅައި ނިންމާލުމަށްފަހުު ބޯޓް ފުރީ." ސައިމަން ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖައްސާފައިވާ 240 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް ޑްރެޖަރު ބޭނުންކޮށްގެން ފަށަފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ ދަށުން ހިއްކާފައިވާ ސަރަހައްދަކީ ފަރުކޮޅުފުށި (ކުރީގެ ކްލަބްމެޑް) ހިމެނޭ ގޮތަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ހަމަޖައްސާފައި ވަނީ ކޮމާޝަލް އަދި ބިޒްނަސް ޑިސްޓްރިކްޓަކާއި ނޮލެޖް އަދި އައިޓީ ޕާކަކާއި ހެރިޓޭޖް އައިލެންޑްއަކާއި ޓުއަރިޒަމް އަށް ހާއްސަކުރެވޭ ސަރަހައްދަކާއި ވޯޓާ ސްޕޯޓްސް ސަރަހައްދަކާއި ޔޮޓް މެރީނާ އަދި ކްރޫޖް ޓާމިނަލްގެ އިތުރުން ރިކްރިއޭޝަނަލް އޭރިއާތައް ވެސް ހިމެނޭ ގޮތަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެކެވެ.