އޭޑީކޭއިން ދެމުން އަންނަ، އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގެ ހިދުމަތާއި ނިއޮނޭޓަލްގެ އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ)ގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށްފަހު ރަސްމީކޮށް ދޭން ފަށައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލަށް 28 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ހޮސްޕިޓަލުގެ ޓްރެއިނިން ރޫމްގައި މިއަދު ބޭއްވި ޖަލްސާއެއްގައި އެ ހިދުމަތްތައް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ ހަދީޖާ އަބްދުއްސަމަދެވެ.

އަލަށް ގެނައި ބަދަލުތަކާގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިއާފް ވިދާޅުވީ ހިދުމަތްތައް ފުޅާ ކުރެވުމާއެކު އައިސީޔޫގައި ހަ އެނދު ބެހެއްޓިފައިވާއިރު ތުއްތު ކުދިންނަށް ހާއްސަ މެޝިންތައް ހިމެނޭ އަށް އެނދު އެންއައިސީޔޫގައި ގާއިމް ކުރެވިފައިވާ ކަމަށެވެ. އައު ތަރައްގީ އާއެކު އެ ދެތަނަކީ ރާއްޖޭގައި މިހާރު ހުރި ސިއްހީ ހިދުމަތް އެންމެ ފުރިހަމައަށް ދެވޭ ތަނަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އެނދުތަކަކީ ކުރިން ބޭނުން ކުރަމުން އައި ފަދަ އާދައިގެ އެނދުތަކެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އައު އެނދުތަކުން ބަލިމީހުންނަށް އެތައް ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިއްހީ ދާއިރާއިން މީހުން ތަމްރީން ކުރުމަށް ހެލްތު ހޮފް ސައިންސްވެސް ވަނީ މިއަދުގެ ރަސްމިއްޔާތުގައި ރަސްމީކޮށް އިފްތިތާހް ކޮށްދެއްވާފައެވެ. އޭޑީކޭގެ މުވައްޒަފުންނާއި އެހެން ފަރާތްތައް ތަމްރީން ކުރުމަށްޓަކައި ގިނަ ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭޑިކޭއިން ވަނީ ބުނެފައެވެ. އޭގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށްވެސް ކައިރި މުސްތަގުބަލުގައި އެ ކޯސްތަކުގައި ބައިވެރި ވެވޭނެ ކަމަށް އޭޑީކޭ އިން ބުނެއެވެ.