ސަލާމަތީ ސަބަބުތަކަށް ޓަކައި ސައުދީ އަރެބިޔާގައި ހުންނަ އެމެރިކާ އެމްބަސީގެ ހިދުމަތްތައް މިއަދާއި މާދަމާ މެދުކަނޑާލުމަށް ފަހު އެމްބަސީ ބަންދުކޮށްފި އެވެ.

ރިޔާޒުގައި ހުންނަ އެމްބަސީ އިން ނެެރުނު ބަޔާނެއްގައި ބުނީ ރިޔާޒާއި ޖިއްދާ އާއި ދަހަރަންގައި ހުންނަ އެ އެމްބަސީގެ ހިދުމަތް ނުލިބޭނެ ކަމަށެވެ. އަދި އެ ބަޔާނުގައި ބުނީ ސައުދީ އެރެބިޔާގައި އުޅޭ އެމެރިކާ މީހުން ރައްކާތެރިވެގެން އުޅުމަށް އިލްތިމާސް ކުރާ ކަމަށާއި ވީހާ ވެސް އާދައިގެ ގޮތެއްގައި އުޅުމަށެވެ. އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ސައުދީގައި ތިބި އެމެރިކާ މީހުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ހުކުރު ދުވަހު އެމްބަސީ އިން ބުނީ ތެލުގެ ސިނާޔަތުގައި މަސައްކަތް ކުރާ ހުޅަނގުގެމީހުންނަށް މިލިޓަންޓުންގެ ހަމަލާތައް އަމާޒު ކުރާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ. ނަމަވެސް އެ ބަޔާނުގައި އެއީ ކޮން މިލިޓަންޓް ގްރޫޕެއް ކަމެއް ނުބުނެ އެވެ.