މާލޭގައި މިރޭ ބޭއްވުމަށް އިންތިޒާމް ކުރި މުޒާހަރާއަށް ސުނާމީ ބިނާ ސަރަހައްދަށް ގެންގޮސްފައި އޮތް އެމްޑީޕީގެ ޕިކަޕަށް ގްރޫޕަކުން ހަތިޔާރާއެކު ގޮސް ގެއްލުންތަކެއް ދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސުނާމީ ބިނާ ސަރަހައްދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެތަނުގައި ހިނގާދިޔަ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

ޕިކަޕަށް ގެއްލުންދިން ވަގުތު އެމްޑީޕީގެ ގިނަ ސަޕޯޓަރުން އެ ސަރަހައްދުގައި ތިއްބެވެ. ތޫނު ހަތިޔާރު ގެންގުޅުނު ގްރޫޕުން އެމްޑީޕީގެ ޕިކަޕަށް ގެންލުންދިއިރު ރައްދުގައި އެމްޑީޕީގެ ސަޕޯޓަރުންނަށް ކަމެއް ނުކުރެ އެވެ.

"ތިން ބާރު ވަކިކުރާ ސަރަހައްދު"ގައި ޕިކަޕް ޕާކްކޮށްފައި އޮއްވައި ގްރޫޕަކުން ވަދެ ހަމަލާދިންއިރު، އެ ސަރަހައްދަކީ ފުލުހުންގެ ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ސަރަހައްދެކެވެ.

އެމްޑީޕީގެ ޕިކަޕަށް ބަޔަކު ގެއްލުންދިން މަންޒަރު ފެނުނު މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) "ސަން"އަށް ވިދާޅުވީ ހަތަރު ޒުވާނަކު އައިސް ޕިކަޕަށް ގެއްލުންދީފައި ވަނީ މިރޭ 21:10 ކަންހާއިރު ކަމަށެވެ. އެ މީހުން ތިބީ ވަޅި ހިފައިގެން ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕިކަޕަށް ގެއްލުންދީފައި-- ސަން ފޮޓޯ: ޔޫސުފް ސޮއްވާން

"އެމީހުން އެކުރާ ކަމެއް ކޮށްލީ 20 އަކަށް ސިކުންތު ތެރޭގައި،" ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މީހުން ތިބީ މޫނު ނިވާކޮށްގެން ނޫން ކަމަށާއި ޕިކަޕަށް ގެއްލުންތަކެއް ދިނުމަށް ފަހު ސައިކަލުގައި އެ މީހުން ފިލާފައިވާ ކަމަށެވެ.

އެ ޕިކަޕުގެ ބިއްރޫރިގަނޑު ވަރަށް ބޮޑަށް ތަޅާލާފައިވާއިރު ޕިކަޕުގައި ހުރި ސުޕީކަރުތައް ވަނީ ވައްޓާލައި ވައިރުތައް ބުރިކޮށްފަ އެވެ.

ފުލުހުން ވެސް ވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދީފައެވެ. އަދި އެމައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއިން ސުނާމީ ބިނާ ސަރަހައްދަށް އެއްވުމަށް މަައްކަތް ކުރަމުންދާއިރު އުސްފަސްގަނޑު ސަރަހައްދު ވަނީ ފުލުހުން ބަންދުކޮށްފައެވެ.