15 Mar 2015, 21:49
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އިރު އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ޔަގީންކޮށްދޭ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ނަޝީދު ބަންދުގައި ހުންނަވާ އިރު ލިބިދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ޔަގީންކޮށްދޭނެ ކަމަށެވެ.
The Govt guarantees the safety, welfare & protection of former Prez Nasheed while in state custody. He'll be treated with respect & dignity.
— Umar Naseer (@UmarNaseerPPM)March 15, 2015
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލާގައި ނަޝީދު މައްޗަށް ވަނީ 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.
ނަޝީދު ދޫނިދޫގައި ހުންނެވި ނަމަވެސް އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި ނަޝީދު އަމިއްލަފުޅަށް ހަށިގަނޑަށް އަނިޔާއެއް ދެއްވަން އުޅުއްވި ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
ނަޝީދު ދޫނިދޫގައި ހުންނަވަނީ، ހޯމް މިނިސްޓަރު ކުރިން ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ހުންނެވުމަށް މާފުށީގައި ވަކި ޔުނިޓެއް ގާއިމު ކުރެވެންދެކަށެވެ.