ނެދަލޭންޑްސްގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ އޭއެފްސީ އަޔެކްސްގެ ޔޫތު ޓީމުގެ މުހިންމު ތިން ކުޅުންތެރިން އަންހެން ފުލުހަކަށް ހަމަލާ ދިން ކަމުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދާތީ، އެ އެކްލަބުން އެ ތިން ކުޅުންތެރިން ސަސްޕެންޑް ކޮށްފި އެވެ. އެކަމާ ގުޅޭ ގޮތުން އެޖެކްސްއިން ބުނީ އެފަދަ މަައްސަލަތަށް އެ ކްލަބުން ނަގަނީ "ވަރަށް ސީރިއަސްކޮށް" ކަމަށެވެ. އަދި އެ ކްލަބުން މިހާރު އެކަން ތަހުގީގު ކުރަމުން ދާ ކަމަށް ވެސް ނެދަލޭންޑު އެރެޑިވިޝީ ލީގުގެ ދެވަނައިގައި އޮތް އޭއެފްސީ އަޔެކްސްއިން ބުންޏެވެ. "އެކަމުގެ ހަގީގަތް ހޯދަުމަށް މި ކްލަބުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން. އެ ތަހުގީގުތަށް ނިމެންދެން އެ ތިން ކުޅުންތެރިނަަށް ފުޓްބޯޅާއާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ،" އެކަމާ ގުޅޭ ގޮތުން އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އެ ހާދިސާއާ ގުޅިގެން އެޖެކްސްއިން ސަސްޕެންޑު ކޮށްފައި ވަނީ އެ ކްލަބްގެ ޔޫތު ޓީމްގެ ދެ ފޯވާޑުން ކަމަށްވާ ޒަކަރިއްޔާ އަލް އަޒޫޒީ (18 އަހަރު) އާއި ސަމެޓް ބުލުޓް (19 އަހަރު) އަދި މިޑްފީލަޑަރު އަޝްރަފް އަލް މަހްދީ (18 އަހަރު) އެވެ. އެ ހާދިސާއާ ގުޅިގެން އެ ތިން ކުޅުންތެރިންނާ ފުލުހުން ވަނީ ސުވާލު ކޮށްފައެވެ. ފުލުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ އަދައިގެ ހެދުމުގައި ހުރި އަންހެން ފުލުހަކު، ކާރަކާ ދިމާއަށް ބަރުގަނޑު އެޅުމުން ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި، އެ ތިން ކުޅުންތެރިން އެ ފުލުހަށް ހަމަލާ ދިން ކަމުގެ ތުހުމަތުގަ އެވެ. އޭއެފްސީ އަޔެކްސް އަކީ ފައިނޫރްޑް އާއި ޕީއެސްވީ އެއިންޑޯވެން އާއެކު ނެދަލޭންޑުގެ އެންމެ މަތީ ފަންތީގެ ލީގު ކަމަށްވާ އެރެޑިވިޝީ ލީގުގެ "ބިގް ތްރީ" ގައި ހިމެނޭ ކްލަބެކެވެ. "ބިގް ތްރީ" އަކީ ނެދަލޭންޑުގެ ފުރަތަމަ ޑިވިޝަނުން އަދި މިހާތަނަށް ދުވަހަކުވެސް ރެލިގޭޓްވެފައި ނުވާ ތިން ކްލަބެވެ. މިހާތަނަށް ނެދަލޭންޑްސް ފުޓްބޯޅައިގައި، ކުޅެވުނު 133 ޑަޗް ފުޓްބޯލް ޗެންޕިއަންޝިޕްސްތަކުގެ ތެރެއިން، އެ ތިން ކްލަބް އެއްކޮށް ވަނީ މުޅިއަކު 67 ޗެންޕިއަންޝިޕްސް ކާމިޔާބު ކޮށްފައެވެ. އަދި އެރެޑިވިޝީ ލީގުތާވަލްގައި އެ ތިން ކްލަބަކީ، އާންމުކޮށް ގަދަ ތިނެއްގައި އަބަދުވެސް އޮންނަ ތިން ކްލަބެވެ.