15 Mar 2015, 20:28
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމާއި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިރޭ "ސަން" އަށް ވިދާޅުވީ ނާޒިމްއާ ޖަލީލްގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ އިދާރީ ބޭނުމަކަށްޓަކައި ކަމަށެވެ.
"މިރޭ ވެސް އެކަމަށް ހަމަ ބަދަލެއް އައިސްދާނެ. އެހެންނަމަވެސް އަދި މާދަމާ އަށް ތާވަލްކޮށްފައި އޮތް ޝަރީއަތް މި ވަނީ ކެންސަލްކޮށްފައި،" މަނިކު ވިދާޅުވި އެވެ.
ނާޒިމްގެ ޝަރީއަތް މާދަމާ 14:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާއިރު ޖަލީލުގެ މައްސަލަ ތާވަލް ކޮށްފައި ވަނީ މާދަމާ ރޭ 8:00 އަށެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަކީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
މިހާރުގެ ޑިފެންސް މިނިސްޓަރު ޖަލީލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.