15 Mar 2015, 19:50
ރާއްޖޭގެ ގައުމީ ޓީމް މި މަހުގެ 26 ވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ހަމަޖެހިފައި ވަނިކޮށް، ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)އަށް އަނިޔާ ވެއްޖެއެވެ.
މެލޭޝިއާގެ ޓީމެއް ކަމަށްވާ ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ދަގަނޑޭއަށް އަނިޔާވެފައި ވަނީ މެލޭޝިއަން ސުޕަރ ލީގުގައި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އެ ގައުމުގެ ޕެރާކްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ހަބަރުތައް ލިބިފައިވާ ގޮތުގައި ދަގަނޑޭއަށް ލިބިފައި ވަނީ ފަލަމަސްގަނޑުގެ އަނިޔާ އެކެވެ.
އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް ސޮކާއާ ވާހަކަ ދައްކަމުން ދަގަނޑޭ ބުނީ ދެން ކުޅެވޭނެ ދުވަހެއް އިނގޭނީ ޓެސްޓުތައް ހެދުމަށް ފަހު ކަމަށެވެ. ފުޓްބޯޅައިގައި ފައިގެ ފަލަމަސްގަނޑަށް ލިބޭ އަނިޔާތަކަކީ އާންމު ގޮތެއްގައި ރަނގަޅުވާން ތިން ވަރަކަށް ހަފްތާ ނަގާ އަނިޔާ ތަކެކެވެ.
އެ މެޗުގައި ދަގަނޑޭއަށް އަނިޔާވެފައި ވާއިރު، އެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ޕީޑީއާރްއެމް ވަނީ މެލޭޝިއާގެ ސުޕަރ ލީގު ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. އަދި އެ ޓީމް އަންނަ އަންގާރަ ދުވަހު މެލޭޝިއަން އެފްއޭ ކަޕްގައި ސިމްޑާބީއާ ދެކޮޅަށް ނިކުންނަ މެޗުގައި ދަގަނޑޭއަށް ކުޅެވޭނެކަން އަދި ޔަގީންވެފައި ނުވާއިރު، އެ މެޗަށް ފަހު ދެން އެ ޓީމަށް އޮފިޝަލް މެޗެއް އޮންނާނީ އަންނަ މަހުގެ ތިނެއްގައެވެ.
ރާއްޖޭގެ ގައުމީ ޓީމް އަންނަ ހަފްތާގައި ތަޖަކިސްތާނާ ދެކޮޅަށް ނިކުންނަން ހަމަޖެހިފައި ވަނިކޮށް ގައުމީ ޓީމްގެ ކެޕްޓަނަށް އަނިޔާ ވެފައި ވާއިރު، ތަޖަކިސްތާނު މެޗުގެ އިތުރުން މިފަހަރު ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗް ވެލިޒަރ ޕޮޕޯވް ވަނީ ގިނަ ރަހުމަތްތެރި ކަމުގެ މެޗުތަކެއް ގައުމީ ޓީމް ލައްވާ ކުޅެން ރާވާފައެވެ.
ރަހުމަތްތެރިކަމުގެ މެޗުތަކުގެ އިތުރުން މިފަހަރު ގައުމީ ޓީމް ވަނީ އޭއެފްސީ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުގެ ގްރޫޕް ސްޓޭޖަށް އޮޓަމެޓިކުން ހޮވުނު 32 ގައުމުގެ ތެރޭގައި ހިމެނިފައެވެ.