މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުޖަހަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ހ. ހެދޭތުނޑި، ޝިއާން ޝަފީގު، 36، (ޝިޔަޅޭ) ހައްޔަރުކޮށްފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޝިޔަޅޭ ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމް ކުރި ދުވަހުގެ ރޭ، ކޯޓު އަމުރެއްގެ ދަށުންނެވެ. ޝިޔަޅޭ ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.

މިދިޔަ ހުކުރު ދުވަހު އޭނާ ހައްޔަރު ކުރުމަށް ކޯޓުން ކުރި އަމުރުގެ ކޮޕީ "ސަން"އަށް ވަނީ ލިބިފަ އެވެ. ކޯޓު އަމުރުގައި ބުނެފައި ވަނީ ޝިޔަޅޭއާއެކު އިތުރު ބަޔަކު މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުޖެހުމަށް ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުޖަހަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ވެސް ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކުރި އެވެ. އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެ މީހާ ވެސް ހައްޔަރު ކުރީ ވެސް މާލޭގައި ހުޅުޖަހަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ވެސް މާލޭގައި ހުޅުޖަހަން އުޅުނު ކަމުގެ ތުހުމަތުކޮށް ޝިޔަޅޭގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެ ދައުވާގައި ބުނެފައި ވަނީ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޖިސްމާނީ އަނިޔާކުރުމަށާއި މާލެތެރޭގެ އަމަންއަމާންކަން ނަގާލައި، މީހުންނާއި ތަންތަނަށް ގެއްލުންދީ އެކިތަންތަނުގައި ހުޅުޖަހައި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ފަދަ ކަންތައްތަކެއް ކުރުމަށް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ޝިޔަޅޭގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.