މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި ކުދިން އަލުން އަނބުރާ މުޖްތަމައަށް ނެރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އެހެންވެސް ބޮޑެތި ކުންފުނިތަކުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވައިލައްވައިފި އެވެ.

މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިތާބުގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ ކުދިން އަނބުރާ މުޖްތަމައަށް ގެންނައުމަށް ސަރުކާރުންދޭ އަހަންމިއްޔަތުގެ މައްޗަށް ބައްލަވާލައްވައި، ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޑްރަގްގެ ދެވީގައިޖެހި، އެކަމުގައި މުޅި އާއިލާއާއި މުޖްތަމައުން އެކަހެރިވާ ކުދިންނަށް ގޮތެއް ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެކަންކަން އިތުރަށް ބާރަށް ހިންގަން ފެށުމަކީވެސް، ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުގެ ވަރަށްބޮޑު އެދުމެއް އެއީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ނޫނަސް، އެހެންވެސް ބޮޑެތި ކުންފުނިތަކުން މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެކުދިންނަށް އެފަރާތްތަކަށް ދެވެންއޮތް އެހީތެރިކަމެއްދީ، އެފަރާތްތައް އަލުން އަނބުރާ މުޖްތަމައަށް ނެރުމަށް ކުރެވެންހުރި މަސައްކަތްތަކުގައި ބައިވެރިވުމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ވަރކްސް ކޯޕަރޭޝަން ލިމިޓެޑުން، އެކުންފުނީގެ ތިލަފުށީ ޕްރީކާސްޓް ޔާޑްގެ މަސައްކަތްތަކަށް މިދިޔަ އަހަރު މާޗްމަހު 15 ކުދިން ގެނެސް، އެކުދިން މުޖުތަމައަށް ނެރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ 15 ކުދިންގެ ތެރެއިން 6 މަސްފަހުން 11 ކުދިން މިނިވަންވެ، މުޖްތަމައަށް ނުކުމެފައިވާ ކަމަށާއި، އޭގެފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު 10 ގައި އެކުންފުންޏަށް އިތުރު 16 ކުދިން ނަގައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އެ 16 ކުދިން އެކުންފުނީގައި މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި ވަރކްސް ކޯޕަރޭޝަނުން އިތުރު 25 ކުދިން ނެގުމަށް ގަސްދުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ޚިތާބުގައި، އަންނަ ހަފްތާގެ ތެރޭގައި، އެމަނިކުފާނު އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ދަތުރުފުޅަކީ، ސަސެޕްގެ ވަރލްޑް ކޮންފަރެންސް އޮން ސައުތު އޭޝިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރެއްވުމަށް ސަސެޕުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ބަހުސް ކުރުމަށް ހަމަޖެހިފައިވަނީ ޑިމޮކްރަސީއާއި، ދެމެހެއްޓެނިވި ތަރައްގީއާއި، ސަރަހައްދީ ސުލްހައާ ބެހޭގޮތުން. މިއީ، ވަކިން ޚާއްސަގޮތެއްގައި މިހާރު، މި ސަރަޙައްދަށް މުހިންމު މައުޟޫއެއް." ރައީސް ވިދާޅުވި އެވެ.