ފަސްބުރިއަށް އިމާރާތްކޮށްފައިވާ ހ. ޓައިމްލެސްގޭ ފުރާޅުމަތިން ވެއްޓި ބިދޭސީ އަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު ހަވީރުގެ 16:15 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ ބަނގްލަދޭޝް މީހަކަށް ކަމަށާއި އެމީހާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ބުނީ، އެމީހާ ވެއްޓިފައިވަނީ، ހ. ޓައިމްލެސްއާ އިންވެގެންހުރި އެއްބުރީގެ އިމާރާތެއްގެ ފުރާޅުމައްޗަށް ކަމަށެވެ.

"އޭނާ ވެއްޓިފައި ވަނީ އިމާރާތެއްގެ މަތިން ޖެހިގެން ހުރި އިމާރާތުގެ ފުރާޅު މައްޗަށް،" ފުލުހުން ބުންޏެވެ.


މަންޒަރު ދުއް މީހަކު 'ސަން' އަށް ބުނީ، އެމީހާ ވެއްޓިފައި ވަނީ ހެންވޭރު ޓައިމްލެސްގެ ބައެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ވެއްޓިފައި ވަނީ ކުރިމަތީ ހުރިގޭ ފުރާޅަށް ކަމަށާއި، އެމީހާ އެންބިއުލެންސަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ފެނުންކަމަށްވެސް އޭނާ ބުނެޏެވެ.

ގެއެއްގެ މަތިން ވެއްޓި ބިދޭސީއަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.