15 Mar 2015, 16:56
ކުރީގެ ރައީސް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ އެންމެ ފަހުގެ ޝަރީއަތުގެ މަޖިލީސް މިދިޔަ ހުކުރު ދުވަހުގެ ރޭ ނިންމާލާފައި ވަނިކޮށް، ނޫސްވެރިންނާއި އާންމުންގެ ހައްގުތައް ގެއްލޭގޮތަށް ކްރިމިނަލް ކޯޓުގެ މުވައްޒަފުންތަކެއް އަމަލުކުރި ކަމަށް ބުނެ ދެ ނޫސްވެރިޔަކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ އެޗްއާރްސީއެމަށް ހުށަހަޅާފައި ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން އެފަދަ މައްސަލަތައް ހުށަހަޅަންޖެހޭނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށްކަމަށް ބުނެ، އެ މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން އެންގުމުންނެވެ.
އެ މައްސަލަ ހުށަހެޅުމުގައި ހަރާކާތްތެރިވި ސީއެންއެމްގެ ޖާނަލިސްޓު މިސްބާހު އައްބާސް ބުނީ، އެޗްއާރްސީއެމް އަށް މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ކަމަށެވެ.
މިސްބާހު ބުނީ ރައީސް ނަޝީދުގެ މައްޗަށް ކުރި ދައުވާގެ ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހަށްފަހު ގަޑިއެއްހާއިރު ވަންދެން، ޝަރީއަތް އަޑުއަހަން ދިޔަ މީހުންނާއި ނޫސްވެރިން ފާޚާނާއަށް ފޮނުވާފައިނުވާ ކަމަށެވެ.
"ތަކުރާރުކޮށް އަޅުގަނޑުމެން އެދުނިން ފާޚާނާއަށް ފޮނުވައިދީބަލާށޭ. ފުރަތަމަ ކޯޓު މާސްޓަރު ބުނީ ފާޚާނާ ހުރީ ހަލާކުވެފައޭ. ދެން ނޫސްވެރިން ބުނީ ވަރަށް ބޮޑަށް ފާޚާނާއަށް ދާންޖެހިގެންނޭ މިއުޅެނީ. ބޭރުގައި ހުރި މިސްކިތު ފާޚާނާއަށް ފުލުހުންނާ އެކު ނަމަވެސް ފޮނުވަދިން އެދުނު. ތަކުރާރުކޮށް އާދޭސްކޮށްކޮށް ތިއްބާ ގަޑިއެއްހާއިރުފަހުން ފާޚާނާއަށް ފޮނުވަން ފެއްޓީ،" މިސްބާހު ބުންޏެވެ.
އޭނާ ބުނީ ބައެއް ނޫސްވެރިން ފާޚާނާއަށް ދާން އުޅުމުން، ފާޚާނާގައި ހުއްޓައި ޝަރީއަތް ފެށިއްޖެނަމަ ޝަރީއަތުގެ މަޖިލީހަށް ނުވަދެވޭނެ ކަމަށް ވެސް ކޯޓު މާސްޓަރުން އެންގި ކަމަށެވެ.
މިކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ކޯޓުން ވަކިގޮތެއް ނިންމީމަ އެކަމަށް އަމަލުކުރަންޖެހޭނެ ކަމަށެވެ. އަދި ނަންނޯޓު ކޮށްފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތަށް ކަމަށާއި އެ މައްސަލައިގެ ޝަރީއަތް ބާއްވާފައި ވަނީ ފުރަތަމަ އަޑުއެހުން ބޭއްވުމަށްފަހު، މެދުކެނޑުމަކަށް ފަހު ކަމަށް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ނޫސްވެރިން ބަންދުކޮށްފައި ބޭތިއްބިކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެފަދަ އެއްވެސް ކަމެއް ކޯޓުން ކޮށްފައިނުވާނެ ކަމަށެވެ.