ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލާ މިއަދު ލޯކަލް މާރުކޭޓު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރު ކުރީ ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރުމުން ކަމަށެވެ. އަދި ބާކީ ތިބި ދެ މީހުން ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށެވެ.

މިއަދު މެންދުރު މުޒާހަރާ ކުރަމުން ދިޔަ ވަގުތަކީ ރައީސް ނަޝީދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ނަޝީދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ކުރިއަށް ދިޔަ ވަގުތެވެ. އެހެންނަމަވެސް އެ ޝަރީއަތަށް ވަނުމަށް ރައީސް ނަޝީދު އިއުތިރާޒު ކުރެއްވުމުން އެ މައްސަލަ ހައިކޯޓުން ވަނީ ބާތިލު ކޮށްފަ އެވެ.

މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ އިރު ރޭ ވެސް އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވެސް ވަނީ ހަ މީހަކު ހައްޔަރު ކޮށްފަ އެވެ.

ރޭ އެމްޑީޕީ އިން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް އިގުރާރުވެފަ އެވެ.

ނަޝީދުގެ ވެރިކަމުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލާގައި ނަޝީދު ވަނީ 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.