15 Mar 2015, 16:39
ގާހިރާ (މާޗް 15) : މިސްރުގެ ދައުލަތް ރޫޅިގެން ހިނގައިދާނެކަމުގެ ބިރުއެބައޮތް ކަމަށް ވިދާޅުވެ އެގައުމުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ވާހަކަ ދައްކަވައިފި އެވެ.
އެމެރިކާގެ ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި ސީސީ ވިދާޅުވީ މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ އަމަލުތަކުގެ ސަބަބުން މިސްރުގެ ދައުލަތާއި ވެރިކަމުގެ ނިޒާމް ވަނީ ނުރައްކަލުގެ ތެރޭގައި ކަމުގަ އެވެ. އަދި ސޮމާލިޔާގެ ދައުލަތް ރޫޅިގެންދިޔަ ފަދައިން މިސްރުގެ ދައުލަތް ރޫޅިގެން ހިނގައިދާނެ ކަމުގެ ބިރު ވެސް އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް ސީސީ އިސްކޮށް ހުންނަވައިގެން 2013 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބަށް ފަހު މިސްރު ވަނީ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިފަ އެވެ. މިއާ އެކު މިސްރުގެ ސައިނާ ސަރަހައްދުގައި އައިއެސް އަށް ނިސްބަތްވާ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތައްވެސްވަނީ ވަކިހިއްޕާލާފަ އެވެ. ސީސީ ވިދާޅުވި ގޮތުގައި އޭނާ އިސްކޮށް ހުންނަވައިގެން ގެނައި އަސްކަރީ އިންގިލާބަކީ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ކިބައިން މިސްރު ސަލާމަތް ކުރުމަށް އެޅި މުހިއްމު ފިޔަވަޅެކެވެ.
މިބަސްދީގަތުގައި ސީސީ ވިދާޅުވީ މަގާމުން ދުރުކޮށްފައިވަ ޑރ. މުރުސީ ނިސްބަތްވެވެޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ހުރިހާ ޓެރަރިސްޓް ޖަމާއަތްތަކުގެ މަންމަ ކަމުގަ އެވެ. ނަމަވެސް ބާރުގެބޭނުންކޮށްގެން ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު މިސްރަށް ހަމަޖެހުމާއި ސުލްޙަ ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ކާމިޔާބު ނުލިބޭކަމަށް ސީސީ އެއްބަސްވެ ވަޑައިގެންނެވި އެވެ.
ސީސީގެ ނަޒަރުގައި މިސްރުގެ ރައްޔިތުންގެ ގިނަބައެއްގެ ތާއީދުއޮތީ އޭނާ އަށެވެ. އެހެންކަމުން މިތާއީދުގެ ބޭނުންކޮށްގެން މިސްރަށް ހަމަޖެހުން ގެނައުމަށް އޭނާގެ ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަމަށް ވެސް ސީސީ ވިދާޅުވި އެވެ. އަދި މިސްރަށް ހަމަޖެހުން ގެނައުމަށް އޭނާގެ ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ނުވެއްޖެ ނަމަ ސޮމާލިޔާގެ ވެރިކަމުގެ ނިޒާމް ރޫޅިގެންދިޔަ ގޮތަށް މިސްރުގެ ވެރިކަމުގެ ނިޒާމު ރޫޅިގެން ހިނގައިދާނެ ކަމުގެ ބިރު އިޙްސާސް ކުރައްވާ ކަމަށް އެތަށްފަހަރަކު ތަކުރާރުކޮށް ސީސީ ވިދާޅުވި އެވެ.
ސީސީގެ ވާހަކާގައި އެމެރިކާ އާއި ހުޅަނގުގެ ބޮޑެތި ބާރުތައް އޭނާގެ ވެރިކަމުގެ ނިޒާމަށް ފުރަގަސްދީފައިވާ ކަމަށް ތުހުމަތުކުރައްވި އެވެ. އަދި އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާ ވަރަށް ގާތްގުޅުންތަކެއް ބާއްވަމުން ގެންދަވާކަން ވެސް ހާމަކުރެއްވި އެވެ.
އީރާނާއި އެމެރިކާ ގާތްވަމުންދާ މައްސަލައާ ބެހޭ ގޮތުން ސީސީ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމުގެ ފުރްސަތު އީރާނަށާއި އެމެރިކާއަށް ދޭންޖެހޭ ކަމުގައެވެ. އަދި އީރާނުން ގަލްފުގެ ސަރަހައްދަށާއި އަރަބި ގައުމުތަކަށް ބާރާއި ނުފޫޒު ހިންގަމުންގެންދާކަމަށް ކުރެވޭ ތުހުމަތުތަކާބެހޭގޮތުން ސީސީ އެއްވެސް ކަންބޮޑުވުމެއް ހާމަކުރައްވާފައެއް ނުވެއެވެ. (އަލްޖަޒީރާ)