އިނގިރޭސި ސުޕަސްޓާ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ، އޭނާގެ ރަހްމަތްތެރިއަކާއެކު ބޮކްސިން ތެޅުމުގެ ތެރޭގައި ރޫނީގެ މޫނުމަތީގައި ވަރުގަދަ "އެތިފަހަރެއް"ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ފެންމަތިވެއްޖެ އެވެ. އިނގިރޭސި ވިލާތުގެ އޮންލައިން ނޫހެއް ކަމަށްވާ "ދަ ސަން"ގައި ޝާއިއުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ރޫނީއާއި އޭނާގެ ރަހްމަތްތެރިއެއް ކަމަށްވާ، ސްޓޯކް ސިޓީގެ ޑިފެންޑަރު ފިލް ބާޑްސްލީ ތިބެނީ ޗެޝާގައި ހުންނަ ރޫނީގެ 3.5 މިލިއަން ޕައުންޑުގެ އަގުބޮޑު ގޭގެ ބަދިގެ ތެރޭގައި ބޮކްސިން ތަޅާށެވެ. އުމުރުން 29 އަހަރުގެ އެ ދެ ކުޅުންތެރީން މަޖަލަކަށް ފެށި ކަންތަށް "ވިހަވެ" އެންމެ ފަހުން ބާޑްސްލީ ވަރަށް ބާރަށް ރޫނީގެ މޫނުމަތީގައި "ބޮނޑިއެއް އަޅާ" މަންޒަރު ވީޑީއޯ ފުޓޭޖުން ފެންނަކަމަށް ބީބީސީގައިވެ އެވެ. ބާޑްސްލީ ރޫނީގެ މޫނުމަތީގައި ޖެހުމާއެކު ރޫނީ ވަރަށް ބާރަށް ގޮން ވެއްޓި ޖެހެނީ ބަދިގޭ ތަޅުންގަނޑު މަތީގައެވެ. އަދި އޭގެ ފަހުން ވީޑީއޯ ފުޓޭޖް ނިމެންދެންވެސް ފެންނަނީ ތަޅުންގަނޑު މައްޗަށް ވެއްޓި ޖެހުމާއެކު، ދެލޯމެރި ހަރަކާތް ހުއްޓިފައި ރޫނީ އޮންނަ މަންޒަރު ކަމަށް ވެސް ބީބީސީގައި ވެއެވެ. ސަންޑަލޭންޑަށް 2008 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ރޫނީއާ އެކު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވާ ބާޑްސްލީއާ ރޫނީއާ ދެމީހުން ބޮކްސިން ތަޅާ މަންޒަރު ވީޑިއޯ ކޮށްފައިވަނީ، އެ ދެކުޅުންތެރީންގެ ރަހްމަތްތެރިއެކެވެ.

ވޭން ރޫނީއާ ފިލް ބާޑްސްލީ ބޮކްސިން ތަޅާ މަންޒަރު ދައްކައިދޭ ވީޑިއޯގެ މަންޒަރެއް-- ފޮޓޯ: ދަ ސަން

"ވޭން އެގޮތަށް ތަޅުންގަނޑު މައްޗަށް ވެއްޓި ޖެހުނީމަ އެންމެންވެސް ތިބީ ވަރަށް ބޮޑަށް ހާސްވެފައި. އޭނާ ވެއްޓި ތަޅުންގަނޑުމަތީގައި ޖެހުނުއަޑުވެސް ވަރަށް ބާރަށް އިވުނު. ރޫނީއަށް އަނެއްކާ ވަރަށް ބޮޑު އަނިޔާއެއް ލިބުނީކަމަށް ހީކޮށް އެންމެން ތިބީ ވަރަށް ބޮޑަށް ބިރުގެންފައި،" ނަންހާމަކުރަން ނޭދޭ، ރޫނީގެ ރަހްމަތްތެރިޔާ، "މިރާ"އަށް ކިޔައިދިނެވެ. މިރާ ނޫހުގައި ވާގޮތުން ރޫނީގެ އެ ވީޑިއޯ ފުޓޭޖް ބަޔަކު ލީކުކޮށްލާފައި ވަނީ، އޭނާގެ އަންހެނުން ކޮލީން އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ލުއިސް ވެންހާލް ރުޅިއެރުވުމުގެ ބޭނުމުގައެވެ. ރޫނީއަކީ އަބަދުވެސް ބޮކްސިންއަށް ވަރަށް ޝައުގުވެރިކަން ހުންނަ ބޮކްސިން ފޭން އެކެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ބޮކްސިން މުހިންމު ދައުރެއް އަދާކޮށްފައިވެ އެވެ. އެހެން ނަމަވެސް އެ ވީޑިއޯއިން ފެންނަ ހާދިސާއާ ގުޅޭ ގޮތުން ރޫނީ ބަހެއް ބުނެފައެއް ނުވެއެވެ. "އަހަންނަށް ހީވަނީ، ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ބޮކްސިން ޓްރެއިނިންގެ ފައިދާ ވަރަށް ބޮޑަށް އަހަންނަށް ލިބުނު. ހާއްސަކޮށް ވަރަށް ޅައުމުރުގައި ޕްރިމިއަ ލީގުގައި ފައިހަރުކޮށްލުމަށް،" 2008 ވަނަ ރޫނީ ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ. ރޫނީ ބުނީ ޅައުމުރުގައި އޭނާ ބޮކްސިން ޓްރެއިނިން ހެދި ކަމަށާއި އަދި އެ ކުޅިވަރަކީ އޭނާ ވަރަށް ގަޔާވާ ކުޅިވަރެއް ކަމަށެވެ. އެހެން ނަމަވެސް އުމުރުން 15 އަހަރުގައި އެވަޓަންގައި ގައި ފުޓްބޯޅަ ކެރިއަރު ކުރިއަށް ގެންދިޔަ ދުވަސްވަރު، "ބޮކްސިން ނުވަތަ ފުޓްބޯޅަ" ކޮންމެވެސް އެއް ކުޅިވަރަކަށް އިސްކަންދިނުމަށް ކްލަބުން އެދުނު ހިސާބުން އޭނާ ފުޓްބޯޅަ އިހްތިޔާރުކުރި ކަމަށެވެ.