15 Mar 2015, 15:47
ގެއެއް ލިބުމަކީ މިހާރު ދަތިކަމެއް ކަމަށާއި ކޮންމެ ޒުވާނަކަށް ދިރިއުޅޭނެ ފުލެޓެއް ހޯދޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޒުވާނުންނަށް ފައިސާ ދެއްކޭނެ ގޮތާއި ދިރިއުޅޭނެ ފުލެޓެއް ސަރުކާރުން ހަމަޖައްސައި ދެއްވާނެ ކަމަށެވެ. ޒުވާނުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި އެކަމަށް ފައިސާ ހޯދައިދިނުން، "ގެޓްސެޓް" އާއި އެކި ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮންމެ ޒުވާނަކަށް ވެސް ދިރިއުޅެވޭނެ ފުލެޓެއް ހަމަޖައްސައިދޭނެ ސަރުކާރުން. އެ ޖާގަ ސަރުކާރުން އުފައްދައިދޭނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ، މާލެއަށް އަންނަ ބާރު، ކުޑަކުރެވޭނީ އެފަދަ އެހެން ޝަހަރެއް އުފައްދައިގެން ކަމަށާއި ހުޅުމާލެ ހިއްކުމަށް މަސައްކަތްކުރަނީ އެބޭނުމުގައި ކަމަށެވެ.
ހުޅުމާލެއިން ޒުވާނުންނަށް ފުރުސަތު ލިބޭނެ ކަމަށާއި ހަމައެހެންމެ އެފުލެޓްތަކަށް ކުލި ދެއްކުމު ފުރުސަތުތައް ވެސް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ޒުވާނުންނަށް މިތަނުން ޖާގަ ދެވޭނެ. ލޯކަލް ހައުސިން ތައާރަފްކުރެވޭނެ. އެކަމަކު ނުކުންނަ ސުވާލަކީ ޒުވާނުންނަށް މިޖާގަ ހޯދަދޭއިރު ކިތަންމެ އަގުހެޔޮކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެހޭނެ އުސޫލަކުން މިކަންކަން ކުރި ކަމުގައިވީ ނަމަވެސް، ޒުވާނުންނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް އޮންނަންވާނެ. އެ ފުލެޓްތަކުން ޖާގަ ހޯދަން ބޭނުން ނަމަ، އެ ފުލެޓްތަކުގެ ކުލި ދެއްކެން ވާނެ، އެހެން ނޫން ނަމަ އެފުލެޓްތައް އަޅުގަނޑުމެން ބޭނުމެއް ނުވޭ އެހެން އުފައްދާ ފުލެޓްތަކަކީ ތަނަވަސް މީހުން ދިހަ ބާރަ ފުލެޓް ނަގާފައި އެމީހުން އިތުރު އާމްދަނީ ހޯދަން ބޭނުންކުރާ ވަސީލަތަކަށް ހަދާކަށް،" ރައީސް ވިދާޅުވި އެވެ.
އެއްވެސް މީހަކަށް އަނެކަކު މުއްސަނދިކޮށް ނުދެވޭނެ ކަމަށާއި ނަމަވެސް ސަރުކާރަކަށް ފުރުސަތުތައް ނަތަވަސްކޮށްދިނުމުގެ ފުރުސަތު ލިބޭތީ އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން، އެކަން ޓާގެޓް ކުރެވޭ ފަރާތްތަކުގައި ހުނަންވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ހަމައެހެންމެ އަބަދު ނޯކިރީކޮށްގެން ތިބުމުގެ ބަދަލުގައި ޒުވާނުން އިގްތިސާދަށް ނުކުންނަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"ގިނަ މީހުންނަކީ ޝައްކެތް ވެސް ނެތް ގޮތުގައި މުސާރަވެރިން. އެކަމަކު މިހާރުގެ އިގްތިސާދުގެ ރައުސްމާލުގައި ބައިވެރިވާ މީހުންގެ އަދަދު މިއަށް ވުރެ އިތުރު ކުރަންއެބަޖެހޭ. އަޅުގަނޑުމެންގެ އިގްތިސާދުން ފެންނަން ޖެހޭނީ ހަމަ ބޮޑެތި ހަތަރު ފަސް މީހުން އެކަންޏެއް ނޫން." ރައީސް ވިދާޅުވި އެވެ.