މި އަހަރުގެ ޔޫއޭފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ އެންމެ އަގުހެޔޮ ކެޓަގަރީގެ ޓިކެޓްގެ އަގު 176 ޕައުންޑް ކަމަށް ހަމަޖައްސައިފި އެވެ.

ނުވަދިހަ ހާސް މީހުންގެ ޖާގަ އޮތް ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅޭ ފައިނަލް މެޗުގެ އެންމެ އަގުހޮޔޮ ޓިކެޓްގެ އަގު 176 އަށް އެރީ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި 26އިތުރު ޕައުންޑް ނަގަން ނިންމުމުންނެވެ.

ނަމަވެސް ފައިނަލް މެޗުގައި ކުޅޭ ދެ ކުލަބުތަކުގެ ސަޕޯޓަރުންނަށް 80 ޕައުންޑަށް ޓިކެޓް ލިބޭނެ އެވެ. ސަޕޯޓަރުންގެ ޓިކެޓް އަގު ހެޔޮވަނީ އެމީހުން ދަނޑަށް ވަނުމުގެ ކަންކަން އެމީހަކު ސަޕޯޓް ކުރާ ކުލަބަކުން ހަމަޖައްސައިދޭތީ އެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ކުޅޭ ކޮންމެ ޓީމަކަށް 25000 ޓިކެޓް ލިބޭނެ އެވެ. އަދި އާއްމުންނަށް 176 ޕައުންޑް 11000 ޓިކެޓް ވިއްކަން ވަނީ ހަމަޖައްސައިފަ އެވެ.

ޔޫއޭފާގެ ފަރާތުން މުބާރާތުގެ ޑިރެކްޓަރު ޖިއޯޖިއޯ މަޗޭޓީ ބުނީ ފައިނަލް މެޗުގެ ޓިކެޓް އަގުބޮޑުކަމަށް ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް ވޯލްޑް ކަޕާއި ޔޫރޯ ފަދަ މުބާރާތްތަކުގެ ޓިކެޓް އަގުތަކާ އެއްފެންވަރެއްގައި އަގު ހިފެހެއްޓިފައިވާ ކަމަށެވެ.