15 Mar 2015, 15:30
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވާ ކޮންމެ ދުވަހަކީ އޭނާގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުރަސް އެޅޭ ދުވަހެއް ކަމަށާއި އެހެން ކަމާ އެކު ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުން އަވަސްކޮށް ދިނުމަށް ނަޝީދުގެ ފަރާތުން އެދިވަޑައިގެންފި އެވެ.
ނަޝީދުގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ހޯދަން ނަޝީދުގެ ވަކީލުން އެދިވަޑައިގަތުމުން، އެ ރިޕޯޓް ފޯރުކޮށް ދިނުމަށް ހަތް ދުވަހާއި 14 ދުވަސް ބޭނުންވާނެ ކަމަށް ކޯޓުން ބުނެފައިވާ ކަމަށެވެ.
ކުރީގެ ރައީސް ނަޝީދުގެ އޮފީހުން ކުރާ ތުހުމަތާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރާއްޖޭ ސުޕްރީމް ކޯޓުން މިދިޔަ ޖެނުއަރީ މަހު ނެރުނު ސަކިއުލާއެއްގައި ބުނެފައި ވަނީ ފުރަތަމަ މަރުހަލާގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކާއި ސުޕީރިއާ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކުރާ ހުކުމްތަކާއި ނިންމުންތަކާ ދޭތެރޭ ހިތްހަމަ ނުޖެހޭ ނަމަ، ކުރިން އެކަމަށް އޮތް 90 ދުވަހުގެ ބަދަލުގައި، 10 ދަވަހުގެ ތެރޭގައި މަތީ ކޯޓްތަކުގައި އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށެވެ.
"ހުކުރު ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން އެމަނިކުފާނުގެ ވަކީލުން ޝަރީޢާތުގެ މަޖިލިހުގައި ދައްކަވާފައިވާ ވާހަކަތައް މަޙްޟަރު ކުރުމަށް ޓަކައި ބަޔާންތަކުގައި ސޮއި ކުރެއްވުމަށް ވަކީލުންނަށް ކްރިމިނަލް ކޯޓުން އަންގަވާފައިނުވާ ކަމާއި ހުކުމް ކުރެއްވުމަށް ފަހު އަމަލުކުރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން ހުކުމުގެ އަސްލާއި ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު ރައީސް ނަޝީދާ ހަވާލު ކުރައްވާފައި ނުވާކަން ފާހަގަ ކުރަމެވެ." ނަޝީދުގެ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި، އެމަނިކުފާނު އިސްކޮށް ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލާގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބުތުވުމުންނެވެ.