ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ނަޝީދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ވަނުމަށް އެމަނިކުފާނު އިއުތިރާޒު ކުރެއްވުމުން އެމައްސަލަ ހައިކޯޓުން ބާތިލުކޮށްފި އެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް އާމިން ފައިސަލް ވިދާޅުވީ، އެމައްސަލަ ކޯޓުން ބާތިލުކޮށްފައި ވަނީ ހައިކޯޓުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

މިއަދު ބާއްވަން ތާވަލުކުރެވުނު ނަޝީދުގެ ޝަރީއަތުގެ މަޖިލީހަށް ނަންނޯޓު ކުރެއްވުމަށް ބައެއް ބޭފުޅުން ކޯޓަށް ވަޑައިގަތުމުން ކޯޓުން ބުނެފައިވަނީ ޝަރީއަތުގެ މަޖިލީހަށް ވަދެވޭނީ ނަޝީދުގެ އެއްބަނޑުއެއްބަފާ މީހުންނާއި ލޯޔަރުންނަށް އެކަނި ކަމަށެވެ.

މިއަދު 2:00 އަށް ހައިކޯޓުގައި ތާވަލުކުރެވުނު ޝަރީއަތުގެ އަޑުއެހުމަށް ކޯޓަށް ވަދެވަޑައިގަތުމަށް ނަޝީދު އިއުތިރާޒު ކުރެއްވި ސަބަބާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ، ނަޝީދު ކޯޓުގައި އެދިލައްވާފައި ވަނީ އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލީހަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލީހަކަށް ހައްދަވައިދެއްވުމަށް ކަމަށާއި، ސިއްރުކޮށްގެން މައްސަލަ ކުރިއަށް ގެންދާނަމަ ޝަރީއަތުގެ މަޖިލީހަށް ވަނުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ، ނަޝީދު ކޯޓުގައި އެގޮތަށް އެދިވަޑައިގެންފައި ވަނީ ގާނޫނުއަސާސީގައި އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ބޭވުމުގެ ހައްގު ލިބިދީފައި ވާތީކަމަށެވެ.

ހައިކޯޓުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) އަދި ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނުގެ 71 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަރީޢަތުގެ މަޖިލީސް އެއްކޮށް، ނުވަތަ ޝަރީޢަތުގެ މަޖިލީހުން ބައެއް އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވާ ބާރެއް ކަމަށެވެ.

"މި މައްސަލައިގެ އަޑު އެހުމަށް ގ. ކެނެރީގެ މުޙައްމަދު ނަޝީދުގެ އާއިލާގެ މެންބަރުން ފިޔަވައި އެހެން ފަރާތްތަށް ނުވެއްދުމަށް ހައިކޯޓުން ނިންމާފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރު އަދި ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ޤާނޫނުގެ 71 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތު އޮތުމުން، އެ މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤާނޫނުއަސާސީންނާއި ކޯޓުތަކުގެ ޤާނޫނުންލިބިފައިވާ ބާރުގެ ދަށުން،" ހައިކޯޓުން ބުންޏެވެ.

ހައިކޯޓުން ބުނީ އެ ކޯޓުގައި އިސްތިއުނާފުކުރެވޭ ހައްޔަރުކުރުމާއި ބަންދު އަމުރު ފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަޖިލީސްތަކަށް އަޑު އަހަން، ނުވަދެވޭ ގޮތަށް ނިންމައި އެކަންވަނީ މީގެ ކުރިން އާއްމުކޮށް އަންގާފައި ކަމަށެވެ.