ސަރުކާރުން މަސްވެރިންނަށް ދޭން ނިންމާފައިވާ "ބެޔަސް ނުބެޔަސް" ސުކީމުގައި ގިނަ އަދަދެއްގެ މަސްވެރިން ބައިވެރި ނުވުމަކީ މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް ލިބޭ ކަމުގެ ހެއްކެއް ކަމަށް ރައީސް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

މަސްވެރިންނަށް ލޯން ދިނުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ އެ ސުކީމުގައި ބައިވެރިވުމުން 10000 ރުފިޔާ އިން ދަށުން އާމްދަނީ ލިބޭ މަސްމަހު މަސްވެރިޔާ އަށް އެ އަދަދަށް ފައިސާ ލިބޭ އިރު އެ ސުކީމުގައި ބައިވެރިވާ މަސްވެރިންގެ އަދަދު މަދުކަން އެއީ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ލިބޭކަމުގެ ހެއްކެއް ކަމަށެވެ.

"މަސްވެރިކަމަކީ ޝައްކެއް ވެސް ނެތް ގޮތުގައި ބުރަ މަސައްކަތެއް. އެހެން ނަމަވެސް އެއީ އާމްދަނީ ލިބޭ ރަނގަޅު މަސައްކަތެއް. އާމްދަނީ ލިބޭ ރަނގަޅު މަސައްކަތެއް ކަން އަޅުގަނޑުމެންނަށް އެނގޭ ހަމައެކަނި އަޅުގަނޑުމެންގެ ބެޔަސް ނުބެޔަސް ޝިއާރުގެ ދަށުން އަޅުގަނޑުމެން ހުޅުވާލި ފުރުސަތައް ކުރިމަތިލާ މަސްވެރިންގެ އަދަދު މަދުވީމަވެސް އެބަ އިނގޭ މިއީ އާމްދަނީ ލިބޭ ޖާގަ އޮތް ކަމެއްކަން." ރައީސް ވިދާޅުވި އެވެ.

އެހެންކަމުން މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭ ރަނގަޅު އިގްތިސާދީ މަސައްކަތެއްކަކަން އެނިގެންދާ ކަމަށް ވެސް ރައީސް މިއަދު ވަނީ އެސުކީމަށް އަލިއަޅުވާލައްވައި ވިދާޅުވެފަ އެވެ.

އެސުކީމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުން މަސްވެރިންނަށް ދޭން ނިންމާފައިވާ "ބެޔަސް ނުބެޔަސް" ސުކީމުގައި ގިނަ އަދަދެއްގެ މަސްވެރިން ބައިވެރި ނުވުމަކީ އެ ސުކީމް ފެއިލްވުން ނޫން ކަމަށާއި އެކަމަކީ އެ ސުކީމްގެ ކާމިޔާބުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ސުކީމުގައި ބައިވެރިވާ ފަރާތްތަކަށް ދޭން ޖެހޭ ލުއިތައް ވެސް ސަރުކާރުން އަންނަނީ ދެމުން ކަމަށެވެ.

"މި ޕްރޮގުރާމް މިއޮތީ ފެއްޓިފައި. މީގައި ބައިވެރިވާ މީހުންނަށް އޮތީ ފުރުސަތު ހުޅުވިފައި. ގަދަކަމަކުންނެއް އަޅުގަނޑުމެންނަކަށް މީހުނެއް މިއަކަށް ނުވެއްދޭނެ. އަދި ނުވެސް ގެނެވޭނެ،" ޝައިނީ ވިދާޅުވި އެވެ.

ބެޔަސް ނުބެޔަސް ސުކީމްގެ ދަށުން މިހާރު ފައިސާ ދޫކުރަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން 65 ފޫޓަށް ވުރެ މަތީގެ އުޅަނދުތަކަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ސުކީމްގައި ބައިވެރިވުމަށް އެ ފަރާތްތަކުން ކޮންމެ މަހަކު ޕްރިމިއަމްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި 45 ފޫޓާއި 65 ފޫޓާ ދެމެދުގެ އުޅަނދުތަކުގައި މަސްވެރިކަން ކުރާ މީހުންނަށް ދިނުމަށް ހަމަޖެހިފައި ވަނީ 5،000 ރުފިޔާ އެވެ.

އެ ސުކީމްގައި ބައިވެރިވުމަށް އެ ފަރާތްތަކުން ވެސް ކޮންމެ މަހަކު ދައްކަން ޖެހޭނީ 400 ރުފިޔާ އެވެ. އަދި 45 ފޫޓުން ދަށުގެ އުޅަނދުތަކަށް 3،500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ސުކީމްގައި ބައިވެރިވުމަށް އެފަރާތްތަކުން ދައްކަން ޖެހޭނީ މަހަކު 350 ރުފިޔާ އެވެ.