15 Mar 2015, 13:40
ވިލާ ގްރޫޕުން ތަރައްގީ ކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހޯދުމަށް މީރާ އިން ފޮނުވާފައިވާ ނޯޓިސް ބާތިލުކޮށް ދިނުމަށް އެދި ވިލާ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ވިލާ ކުންފުނިން އެ މައްސަލަ "މިދިޔަ ހަފްތާގައި ވަނީ ކޯޓަށް ހުށަހަޅައިފައި" ކަމަށެވެ.
ވިލާ އިން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ 100 މިލިއަން ޑޮލަރު ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ ކަމަށް ބުނެ މީރާ އިން ފޮނުވާފައިވާ ނޯޓިސް ބާތިލުކޮށް އެ ފައިސާ އަކީ ދައްކަން ނުޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.
ސަތޭކަ މިލިއަން ޑޮލަރު ދެއްކުމަށް މީރާ އިން ވިލާ އަށް ނޯޓިސް ފޮނުވުމާ ގުޅިގެން ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ "ވިލާ ގްރޫޕުން ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ" ކަމަށެވެ.
ސަރުކާރުން ރިސޯޓު ހެދުމަށް އަމިއްލަ ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ރަށްރަށުގެ އަމަލީ މަސައްކަތް ފަށާފައި ނުވާތީ ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ އަދަދު 157 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށް ޓޫއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ވިދާޅުވެފަ އެވެ.
ގާސިމްގެ ވިލާ ގްރޫޕުން މިދިއަ ހަފްތާގައި ފައިސާގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ އިރު ދައްކަން ޖެހޭ ފައިސާއާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަދީބާއި ބައްދަލުކުރައްވައި ގާސިމް ވަނީ މީގެ ކުރިން ވާހަކަފުޅު ދައްކަވާފަ އެވެ.