15 Mar 2015, 13:18
ކޯޗިން ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކުގައި އޭނާއާ ވާދަކުރެވޭ ފެންވަރުގެ މަދު ކޯޗުންތަކެއް އިނގިރޭސި ލީގުގައި ތިބުމަކީ އެކަމާ އުފާވާކަމެށް ކަމަށް ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ. އުމުރުން 52 އަހަރުގެ މޮރީނިއޯ ވަނީ، އޭނާގެ އަމިއްލަ ގައުމު، ޕޯޗުގަލްގެ ޕޯޓޯއާއި، އިޓަލީގެ އިންޓަ މިލާނާއި، ސްޕެއިންގެ ރެއާލް މެޑްރިޑްގައާއި އަދި ޗެލްސީގައި ހޭދަކުރި ދުވަސްތަކުގައި ޗެމްޕިއަންސް ލީގު ދެ ތައްޓާއި، ލީގު ޓައިޓްލް ހަތްފަހަރު ހޯދައިފައެވެ. "އަހަރެންނަށް އެންމެ ބޮޑު އުފަލެއް ލިބޭ އެއްކަމަކީ، އަހަރެންނާ އެހެން މީހުންނާ އަޅައިކިޔާލުން. އަހަންނަށް މަދު ކޯޗުންތަކެއް ފެންނަނީ ކާމިޔާބީގައި އަހަންނާ ވާދަކުރެވޭވަރުގެ،" މޮރީނިއޯ ބުންޏެވެ. "ދެން ތިބި ކޯޗުން؟ ވަރަށް ބޮޑު ފަރަގެއް ވަރަށް ބޮޑު ދުރުމިނެއް އެބަހުރި." ޔޫރަޕްގެ އެންމެ ކާމިޔާބު ކޯޗުން: - ހޯޒޭ މޮރީނިއޯ: ޔޫރަޕިއަން ކަޕް 2 ފަހަރު (އިންޓަ މިލާން 2010، ޕޯޓޯ 2004)، ލީގު ޓައިޓްލް 7 ފަހަރު (ޗެލްސީ 2004-05، 2005-06، ރެއާލް މެޑްރިޑް 2011-12، އިންޓަމިލާން 2008-09، 2009-10 އަދި ޕޯޓޯގައި 2002-03، 2003-04) - ކާލޯ އަންޗެލޮޓީ: ޔޫރަޕިއަން ކަޕް 3 ފަހަރު (އޭސީ މިލާން 2003، 2007، ރެއާލް މެޑްރިޑް 2014) ލީގު ޓައިޓްލް 3 ފަހަރު (ޕީއެސްޖީ 20012-13، ޗެލްސީ 2009-10، އޭސީ މިލާން 2003-04)- - ޕެޕް ގާޑިއޮލާ: ޔޫރަޕިއަން ކަޕް 2 ފަހަރު (ބާސެލޯނާ 2009، 2011) ލީގު ޓައިޓްލް 4 ފަހަރު (ބަޔާން މިއުނިކް 20013-14، ބާސެލޯނާ 2008-09، 2009-10، 2010-11) - ލުއިސް ވެން ހާލް: ޔޫރަޕިއަން ކަޕް އެއްފަހަރު (އަޔެކްސް 1995) ލީގުޓައިޓްލް 7 ފަހަރު ( އަޔެކްސް 1993-94، 1994-95، 1995-96، ބާސެލޯނާ، 1997-98، 1998-99، އޭޒެޑް، 2008-09، ބަޔާން މިއުނިކް، 2009-10) - އާސެން ވެންގާ: ލީގު ޓައިޓްލް 4 ފަހަރު (އާސެނަލް، 1997-98، 2001-02، 2003-04، މޮނާކޯ، 1987-88) ފަސް އަހަރު ދުވަހުގެ ތެރޭގައި ޗެލްސީގެ ފުރަތަމަަ ލީގު ޓައިޓްލް ކާމިޔާބުކުރުމަށް މޮރީނިއޯ އެޓީމާއެކު ނުކުމެފައިވާ އިރު، ޕްރިމިއަލީގުގައި މިއަދު އެޓީމު ވާދަކުރާނީ، ލީގު ތާވަލުގެ ހަތްވަނައިގައި އޮތް ސައުތުހެމްޓަންއާ ދެކޮޅަށެވެ. މޮރީނިއޯ ބުނީ، ޕްރިމިއަ ލީގުގައި މިވަގުތު ވާދަކުރާ ޓީމުތަކުގެ ކޯޗުންގެ ތެރެއިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި ތިބި ކޯޗުންނަކީ ހަމަ އެކަނި އޭނައާއި ލުއިސް ވެން ހާލް ކަމަށެވެ. އަދި ޕްރިމިއަ ލީގު ދެފަހަރަށް ވުރެ ގިނަފަހަރު ކާމިޔާބުކޮށްފައި ތިބީ އޭނައާއި އާސެން ވެންގާ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ. - (ބީބީސީ)