15 Mar 2015, 13:09
ހަންގަނޑުގައި ރޫ ޖެހޭ ނަމަ ކޮންމެ މީހަކު ވެސް އެކަމަށް ހައްލެއް ބޭނުންވާނެ އެވެ. ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ވެސް ބޭނުންވާނެ އެވެ. ހުވަފެނުން ދެކެމުން ދާ ކަހަލަ ރީތި ހަންގަނޑަކަށް ކުޑަމަސައްކަތެއް ކޮށްލާށެވެ. ހަންގަނޑަށް ފައިދާ ހުރި 10 ކާނާ އެއް ކެއުމުގައި ބޭނުން ކުރާށެވެ.
ޗެރީ އާއި އަންނާރު އަދި ބުލޫބެރީ
މި ތިން ބާވަތުގެ މޭވާ އަކީ މީހާގެ ހަށިގަނޑު ޒުވާންކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މޭވާގެ ބާވަތްތަކެވެ. އެގޮތުން ހަންގަނޑުގައި ހުންނަ ލަކުނުތައް ފިލުވާލުމަށް ބޭނުންވާ މާއްދާއެއް ކަމަށްވާ އެންޓިއޮކްސިޑެންޓް ހަށިގަނޑަށް ގިނައިން ލިއްބައިދިނުމަށް ޗެރީ އާއި އަންނާރު އަދި ބުލޫބެރީ ކެއުމުގައި ބޭނުން ކުރައްވާށެވެ.
ގްރީން ޓީ
ޑައިޓުގައި ބޭނުންކުރާ ބުއިމެއްގެ ގޮތުގައި މީހުން އާންމުކޮށް ބޭނުންކުރާ ގްރީން ޓީ އަކީ ހަށިގަނޑަށް ގިން ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ހަންގަނޑު އާވެ، ހަންގަނޑު ތާޒާ ވުމަށް ގްރީން ޓީ (ފެހި ސައި) އެހީތެރިވެދެ އެވެ. ހަމަ އެހެންމެ ހަންގަނޑު ތާޒާކޮށްލުމަށް ބެނުންވާ ގިނަ މާއްދާތަކެއް ގްރީން ޓީން ލިބެ އެވެ.
ކެރެޓާއި ޕީޗް އަދި އެޕްރިކޯޓްސް
ހަންގަނޑޫ ކުރަކިވެ، ރޫ ޖެހި ހަންގަނޑު ހަޑިވުމުގެ މައްސަލަ ކުރިމަތިވޭ ހެއްޔެވެ؟ ހައްލެއް ލިބިދާނެ އެވެ. ހަންގަނޑުގެ ކުރަކި ކަން ފިލުވާ ރީތިކޮށް ބެހެއްޓުމަށް ބޭނުންވާ ގިނަ މާއްދާއެއް ކަމަށްވާ ބެޓާ ކެރޮޓީން އަދި ވިޓަމިން އޭ ގިނަ އަދަދަކަށް އެކުލެވޭ ކެރެޓާއި ޕީޗް އަދި އެޕްރިކޯޓްސް ކެއުމުގައި ގިނައިން ބޭނުން ކުރާށެވެ. އޭގެ އިތުރުން ވެސް އޮރެންޖް ކުލައިގެ މޭވާއާއި ތަރުކާރީގައި ވެސް ވިޓަމިން އޭ ގިނަ އަދަދަކަށް އެކެލެވޭނެ އެވެ.
ޓޮމާޓޯ
އިރުގެ އަލިން ހަންގަނޑަށް ލިބޭ ގެއްލުމުގެ 30 ޕަސެންޓް ޓޮމާޓޯ ކެއުމުން ސަލާމަތް ވެގެންދެ އެވެ. އެހެންކަމުން ކެއުމުގައި ޓޮމާޓޯ ބޭނުން ކުރާށެވެ.
ޒައިތޫނި އަދި ޒައިތޫނި ތެޔޮ
ހަންގަނޑު ހިކުމުގެ މައްސަލަ އަކީ ވަރަށް ގިނައިން މީހުންނަށް ދިމާވާ މައްސަލަ އެވެ. ހަންގަނޑޫ ހިކުމުން ސަލާމަތްވުމަށް ހަންގަނޑަށް ގިނަ އަދަދަކަށް ވިޓަމިން އީ ބޭނުންވާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވަ އެވެ. ކެއުމުގައި ޒައިތޫނި ނުވަތަ ޒައިތޫނީގެ ތެޔޮ ބޭނުން ކުރާށެވެ. އޭރުން ހަންގަނޑު ހިކުމަށް ހައްލެއް ލިބިގެންދާނެ އެވެ.
ޔޯގަޓު
ހަންގަނޑު ހިރުވާ ރަތް ވޭ ހެއްޔެވެ؟ ދިރާސާ ތަކުން ދައްކާގޮތުން ހަންގނޑު ހިރުވާ ރަތް ވާނަމަ ޕްރޮ ބައޮޓިކްސް ގިނައިން އެކުލެވޭ ކާނާ ކެއުމުގައި ބޭނުން ކުރުން މުހިންމެވެ. އެގޮތުން ޔޯގަޓު ބޭނުން ކުރުމަށް ސިއްހީ މާހިރުން ލަފާ ދެއްވަ އެވެ.
ބަދަން
ހަންގަނޑުގައި ބިހިނަގާ ދޮސް ލާގޮތް ދިމާވޭ ހެއްޔެވެ؟ އެހެންވާ ނަމަ ބަދަން ކާށެވެ. ބަދަނަކީ ވިޓަމިން އީ ގިނަ އަދަދަކަށް އެކުލެވޭ ކާނާ އެކެވެ. ބަދަން ކުއުމުން ހަންގަނޑު ހިރުވުމާއި ބިހިނެގުމާއި، ހަންގަނޑަށް ޖެހޭ އެކި އެކި ބަލިތަކުން ސަލާމަތް ވާނެ އެވެ. އެހެންކަމުން އާންމު ދިރިއުޅުމުގައި ޗިޕްސް ކަހަލަ ލުއި ކާނާއެއް ކާ ހިތްވެއްޖެ ނަމަ، ބަދަނުގެ ތެރޭގައި އެކުލެވޭ ހެޒްލް ނަޓް، ޕީނަޓް، އަދި އާމަންޑްސް ކަހަލަ ކާނާ ބޭނުން ކުރާށެވެ.
އެވަކާޑޯ
އެވަކާޑޯ އަކީ ހަންގަނޑަށް ވިޓަމިންސް ގިނަ އަދަދަކަށް ލިބިގެންދާނެ މޭވާގެ ބާވަތެކެވެ. އަދި އުމުރުން ދުވަސް ވުމުން ހަށިގަނޑަށް ދިމާވާ މައްސަލަތަކަށް ހައްލު ކުރުމަށް ހަންގަނޑަށް ކޮންމެހެން ބޭނުންވާނެ މާއްދާއެއް ކަމަށްވާ ގްލެތެތިއޯން އެވާކާޑޯ ކެއުމުން ލިބިގެންދެ އެވެ. އޭގެ އިތުރުން ހަމުގެ ކެންސަރުން ސަލާމަތްވުމަށް އެހީތެރިވެދެ އެވެ.
މަސް
ހިތުގެ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ސިއްހީ މާހިރުން ލަފާދެއްވައި ފެޓީ އެސިޑްގެ ބާވަތެއް ކަމަށްވާ އޮމެގަ ތިނަކީ ހަންގަނޑަށް ވެސް ފަރުވާތަކެއް ލިބިގެންދާ މާއްދާ އެކެވެ. އެގޮތުން މަސް ގިނައިން ކެއުމުން ހަށިގަޑަށް އެ މާއްދާ ލިބުން އިތުރުވެ، ހަންގަނޑުގެ ކުރަކިކަން ފިލާ ހަންގަނޑު އޮމާންވެގެން ދާނެ އެވެ.
މާމުއި
ހަށިގަނޑަށް ފައިދާ ހުރި މާމުއަކީ ގިނަ ބަލިތަކުން އިންސާނާ ރައްކާތެރިކޮށްދޭ އެއްޗެކެވެ. އެގޮތުން ހަންގަނޑުގައި ބިހި ނެގުމާއި، ހަންގަނޑުގެ ލަކުނުތަކުން ސަލާމަތްވުމަށް މާމުއި ބޭނުންކުރުން މުހިންމު ކަމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. އޭގެ އިތުރުން ފޭސް މާސްކްގެ ގޮތުން ބައެއް މީހުން މޫނުގައި މާމުއި އުނގުޅައި ހަންގަނޑު ސާފުކުރުމަށްވެސް ބޭނުން ކުރެ އެެވެ.