15 Mar 2015, 13:04
ޒުވާން މަސްވެރިންނާއި އޮޑިވެރިން އުފެއްދުމަށާއި އޮޑިބަނދެ ނަމަވެސް ފައިސާ ނެތިގެން މަސްވެރިކަން ނުފެށިވާ 14 ފަރާތަކަށް ޖުމުލަ 8.6 މިލިއަން ރުފިޔާގެ ލޯނު މިއަދު ސަރުކާރުން ދޫކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް ލޯން ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މަސްވެރިން އުފެއްދުމަށް މިއަދު ދޫކުރި ލޯނަކީ އޭގެ ޒާތުގައި ރަމްޒީ އެއްޗެއް ކަމަށެވެ. މިއަދު މިދޫކުރެވޭ ލޯން ރަނގަޅަށް ބޭނުން ކުރާ ނަމަ ކުރިއަށް އޮތްތަނުގައި އެފަދަ އެތައް ލޯނެއް ތައާރަފު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ލޯނު ލިބޭ ފަރާތަކަށް ލިޔުން ހަވާލުކޮށްދެއް ވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންގެ ޕާޓީ އަށް މީހުން ވައްދަން ކުރި މަސައްކަތުގައި އަތޮޅުތެރޭ އެކި ހިސާބުތަކަށް ދަތުރުކުރި އިރު އަޅުގަނޑުމެންނަށް ފެނިގެން ދިޔަ އޮޑިގަނޑު ބާލާ ނިމިފައި، އެހެން ނަމަވެސް ދޯނީގެ އިންޖީނު އެޅޭނެ ގޮތެއް ނެތިގެން އޮޑިތައް ހުރީ ބާލަން ދަތިވެފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވި މަސްވެރިކަމުގެ ދާއިރާ އިން ކުރިއަށް ދިއުމަށް ޒުވާނުންނަށް ފިޝަރީޒް މިނިސްޓްރީ އިން ދޫކުރާ ލޯނުތަކާއި ގެޓް ލޯން ލޯނުގެ އެހީގައި ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެފަދަ ފުރުސަތުތަކަށް ޒުވާނުން ކުރިމަތިލާ މިންވަރު މަދުކަން ފާހަގަކޮށް އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އެ ލޯނު ސުކީމުގެ ސަބަބުން ދޯނި ނުބޭލި ތިބި ފަރާތްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. ޒުވާނުންނަށް ބޮޑަށް އަމާޒުކުރާ އެލޯން ސުކީމްގެ ތެރެއިން 14 ފަރާތަކަށް 8.6 މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފައިވާ އިރު އެއީ ހަ ޕަސެންޓް އިންޓުރެސްޓަކާ އެކު ދޫކުރާ ލޯނެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ލޯނަށް ތިން ޒުވާނުން އެދިފައިވާ އިރު އެލޯނުގެ ސަބަބުން 280 އާއިލާއެއްގެ ތެރެއިން 1400 މީހުންނަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.