މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އެނިމޭޓެޑް ފިލްމުގެ ރިކޯޑު މުގުރާލާފައިވާ މަޝްހޫރު ކާޓޫން، "ފްރޯޒެން"ގެ ދެވަނަ ފިލްމެއްގެ މަސައްކަތް ފަށައިފި ކަމަށް ޑިޒްނީ އިން ބުނެފި އެވެ.

ފްރޯޒެންގެ ދެވަނަ ފިލްމެއް ނެރޭނެ ކަމަށް އިއުނުކޮށްފައިވަނީ ވޯލްޓް ޑިޒްނީ އާއި ޕިކްސާ އެނިމޭޝަން ސްޓޫޑިއޯސްގެ ޗީފް ކްރިއޭޓިވް އޮފިސާ ޖޯން ލެސެޓާ އެވެ. އަދި އަލަށް ހަދާ ފިލްމުވެސް ޑައިރެކްޓް ކުރާނީ، ފްރޯޒެންގެ އޮރިޖިނަލް ފިލްމުވެސް ޑައިރެކްޓުކުރި ދެފަރާތް ކަމަށްވާ ޖެނިފާ ލީ އާއި ކްރިސް ބަކް އެވެ.

ފްރޯޒެން އަށް ލިބެމުން އަންނަ ކާމިޔާބީއާ އެކު މިހަބަރަކީ ހައިރާން ކުރަނިވި ހަބަރަކަށް ނުވިނަމަވެސް އެ ފިލްމުގެ ދެވަނަ ބައެއް ނެރޭނެ ކަމުގެ ޔަގީންކަން ލިބުމަކީ ގިނަ ބަޔަކު އުފާވާނެ ކަމެކެވެ.

ފްރޯޒަންގެ އިތުރު ފިލްމެއް ތައްޔާރުކުރާ ވާހަކަ އިއުލާނުކުރުމާއެކު ޑިޒްނީން ވަނީ "ފްރޯޒެން ފީވާ"ގެ ނަމުގައި ކުރު ފިލްމެއްވެސް ސިނަމާތަކުގައި ދައްކަން ފަށާފައެވެ. ނަމަވެސް އެ ފިލްމު ބެލުމަށް ޓިކެޓު ނެގެނީ ޑިޒްނީ އިން ސިނަމާތަކުގައި މިހާރު ދައްކަން ފަށާފައިވާ ސިންޑަރެއްލާ ފިލްމާއެކު އެވެ. އެ ފިލްމް އަކީ ސިންޑަރެއްލާ އާއެކު ދެއްކުމަށް ހަމަޖެހިފަހިވާ ފިލްމެކެވެ.

ފިލްމް ނެރޭނެ ދުވަހެއް ޑިޒްނީން ބުނެފައި ނުވާއިރު އޭގައި ހަރަކާތްތެރިވާނީ ކޮން ބައެއް ކަންވެސް އަދި ހާމައެއް ނުކުރެ އެވެ.

ހޮލީވުޑް ބޮކްސް އޮފީހުގައި 1.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފްރޯޒެން އަކީ މިހާތަނަށް އެންމެ ގިނަ އާމްދަނީ ލިބިފައިވާ ބޮޑެތި ފިލްމުތަކުގެ ލިސްޓުގައިވެސް ހިމެނޭ ފިލްމެކެވެ.