މާދަމާ ފަށާ ކްރިކެޓް ވޯލްޑް ކަޕް ފެށުމުގެ ކުރިން ޕާކިސްތާނުގެ ތިން ކުޅުންތެރިއަކު ޑްރަގް ޓެސްޓް (ޑޯޕިން ޓެސްޓް) ކޮށްފި އެވެ.

އެ ތިން ކުޅުންތެރިންނަކީ ބާރު ދެ އުކުންތެރިން ކަމަށްވާ ޝުއައިބް އަޚްތަރާއި އުމަރު ގުލް އަދި ވިކެޓް ކީޕަރު ކަމްރަން އަކްމަލް އެވެ. މީގެ ތެރެއިން ޝުއައިބް އަޚްތަރަކީ މީގެ ކުރިން ޑްރަގް ޓެސްޓަށް ޕޮޒިޓިވް ވުމުގެ ސަބަބުން 2006 ވަނަ އަހަރު ފަސް އަހަރަށް ސަސްޕެންޑް ކުރަން ޖެހުނު ކުޅުންތެރިއެކެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީން) ބުނީ ޕާކިސްތާނުގެ ކުޅުންތެރިން ޓެސްޓް ކުރީ މުބާރާތުގެ އާއްމު އުސޫލުން ކަމަށާއި އެއްވެސް ކަހަލަ ކަމަކަށް ޝައްކުކުރެވިގެން ނޫން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެން ގައުމުތަކުގެ ކުޅުންތެރިންނާއި ޕާކިސްތާނުގެ ޓީމުގައި ބާކީތިބި ކުޅުންތެރިން ވެސް ޓެސްޓް ކުރާނެ ކަމަށެވެ.

ވޯލްޑް ކަޕް ކުރި އަށް ދާނީ ހޮނިހިރު ދުވަހުން ފެށިގެން އަންނަ އޭޕްރީލް ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕާކިސްތާން އެ ޓީމުގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ކުޅޭނީ ކެންޔާއާ ދެކޮޅަށެވެ.