ސަރުކާރުގެ ތެރެއިން ކަންކަން ކުރަމުން އަންނަ ގޮތުން ބޭރުގެ ފަރާތްތަކުގެ ނުފޫޒު ރާއްޖެއަށް އަންނަކަމަށް ބުނެ ދައްކާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެގޮތަށް ވާހަކަތައް ފަތުރާތީ ހިތާމަކުރާ ކަމަށް ހައުސިން މިނިސްޓަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްޑީއޭއިން ރޭ ދ. މީދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ވެރިކަންކުރާ ބާރުން އެހެން ބާރުތަކާ ނުބެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ވެރިކަން ކުރާ ބާރުން ކުރާ ކަންކަމަކީ މިނިވަންކޮށް ކުރެވޭ ކަންތައްތައް ކަމަށާއި ދެން އޮތް ބާކީއޮތް ދެ ބާރުން ކުރާ ކަންތައްތަކަށް ރައީސް އަބްދުﷲ ޔާމީން ފާޑުނުކިޔާނެ ކަމަށެވެ.

"ބޭރުގެ ފަރާތްތަކުން ސަރުކާރަށް ހުށަހަޅަމުންދޭ އެކަންކަން އެވެނި ގޮތަކަށް މިކަންކަން މިވެނި ގޮތަކަށް ގެންދަން. އެހެން ނަމަވެސް ރައީސް ޔާމީނަކީ އެގޮތަށް ގާނޫނާ ޚިލާފަށް ކަންކަން ކުރައްވާނެ ބޭފުޅެއް ނޫން. ސަރުކާރުން ކަންތައްތައް ކުރާނީ ގާނޫނާއެއްގޮތަށް. އެހެންވީމަ ސަރުކާރުން ގާނޫނާ ޚިލާފަން ކަންކަން ކުރާކަމަށް ބުނެ ފަތުރަނީ ހަގީގަތެއް ނެތް ވާހަކައެއް،" މުއިއްޒު ވިދާޅުވި އެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކުން ސަރުކާރަށް ދަތިކުރަން މަސައްކަތް ކުރާކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ވަރަށް ފުރިހަމައަށް ބައްޓަން ކުރެވިގެން ވަރަށް ފުރިހަމައަށް ހިންގަމުން އަންނަ ހާރިޖީ ސިޔާސަތެއް ކަމަށާއި ސަރުކާރުން ދަނީ ބޭރުގެ ފަރާތްތަކަށް ވެސް ގައުމުގެ ކަންކަން ހިނގަމުން އަންނަ ގޮތް "ދެފުއް ހާމަވާގޮތަށް" ހާމަކޮށްދެމުން ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ބޭރުގެ އެއްވެސް ގައުމަކުން ރާއްޖެއާ ދޭތެރޭ "ޝައްކުގެ ނަޒަރަކުން ނުދެކޭ" ކަމަށް މިނިސްޓަރު ވިދަޅުވި އެވެ.

"މިއަދު އަޅުގަނޑުމެނަށް ފެނުނު ރޭގައި އިއްވުނު ހުކުމާ ބެހޭގޮތުން ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ނެރުއްވި ބަޔާން. އެ ބަޔާނުގައި ވެސް ސަރުކާރުން ކަންތައްތައް ކުރާގޮތާ ގުޅޭގޮތުން ދެކޮޅަށް ވާހަކައެއް ދައްކާފައެއް ނެތް. ހުރިހާ ގާނޫނަށް އަމަލުކޮށްގެން ފުރިހަމައަށް ކަންކަން ކުރިއަށް ގެންދަން ބާރުއަޅާފަ އޮތީ،" މުއިއްޒު ވިދާޅުވި އެވެ.