15 Mar 2015, 10:32
ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާ ދެކޮޅަށް އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ މާލެގައި ރޭ ހިންގި ސިޔާސީ ހަރަކާތްތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ. އެ ހަ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 1:00 އެހާކަންހާއިރު ސަލްސާ ރޯޔަލް ކައިރިން ކަމަށް ވެސް މިޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރައީސް ނަޝީދު ޖަލުން މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ ގަރާރެއް ފާސްކޮށްފައެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރައީސް ނަޝީދު ހައްޔަރުކުރިފަހުން އެމްޑީޕީން އަންނަނީ ކޮންމެރެއަކު މާލޭގައި އެއްވުންތައް ބާއްވަމުންނެވެ.