15 Mar 2015, 10:16
ޖެފްނާ (މާޗް 15): އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތަމަޅައިންގެ އަޣްލަބިއްޔަތު އޮންނަ ޖެފްނާ ސަރަހައްދަށް އިއްޔެ ޒިޔާރަތް ކުރައްވައިފިއެވެ.
ޖެފްނާއަށް ޒިޔާރަތް ކުރައްވައި މޯދީ ވަނީ އެސަރަހައްދު އަލުން ބިނާކޮށް އާރާސްތުކުރުމަށް ސްރީލަންކާ ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތައް ބައްލަވާލައްވާފައެވެ. ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެސަރަހައްދަށް ލިބިފައިވާ ގެއްލުންތައްވެސް މޯދީ ބައްލަވާލެއްވިއެވެ. އަދި ހަނގުރާމައިގެ ސަބަބުން ވޭންތައް ތަހައްމަލް ކުރި ތަމަޅަ ބައެއް އާންމުންނާ ބައްދަލުކުރައްވައި މޯދީ އެމީހުންނާއެކު ވަގުތުކޮޅެއް ހޭދިކޮށްލެއްވިއެވެ.
އިންޑިޔާގައި ޝާއިއުކުރި މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މޯދީ ޖެފްނާއަށް ކުރެއްވި ދަތުރުފުޅުގެ ބޭނުމަކީ އިންޑިޔާއާއި ސްރީލަންކާގެ ތަމަޅައިންގެ އެއްބައިވަންތަކަން ހާމަކުރެއްވުމާއި އިންޑިޔާއިން އެމީހުންނާ އަޅާލާކަން ކަށަވަރު ކޮށްދެއްވުމެވެ.
ޖެފްނާއާއި ސްރީލަންކާގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ތަމަޅަ ދަރިކޮޅުގެ މީހުންނާއި އިންޑިޔާގެ ޓެމިލްނާޑޫގައި ދިރިއުޅޭ ތަމަޅައިންނަކީ އެއްދަރިކޮޅެއްގެ ބައެކެވެ. ސްރީލަންކާގެ ތަމަޅައިންނަކީ އިންޑިޔާގެ ޓެމިލްނާޑޫއިން ސްރީލަންކާގެ އުތުރަށް ހިޖްރަކުރި ތަމަޅައިންގެ ފަރާތުން އުފެދިގެންދިޔަ ކޮމިއުނިޓީއެކެވެ. އެހެންކަމުން މިދެ ބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ތާރީޚާއި ބަހާއި އަދި ސަގާފީ ގުޅުންތައް ވަރަށްބޮޑަށް ދަމަހައްޓަމުން ގެންދެއެވެ.
މޯދީގެ މިދަތުރުފުޅުގެ އެއްމަގްސަދަކީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ޖެފްނާގެ އާންމުންނަށް ކުރިމަތިވި ހިތާމަތަކާއި ވޭންތައް ހިއްސާ ކުރައްވާކަން އިންޑިޔާގެ ތަމަޅައިންނަށް ހާމަކޮށްދެއްވުމެވެ. މިއީ އިންޑިޔާގެ ތަމަޅައިންގެ ތާއީދު މޯދީއަށް ލިބިގެންދާނެ ކަމެކެވެ.
ސްރީލަންކާގެ ތަމަޅައިންނާ މެދު ތަފާތުކުރުންތައް ގެންގުޅޭކަމުގެ ތުހުމަތު ސްރީލަންކާ ސަރުކާރުތަކުގެ މައްޗަށް ކުރެވޭއިރު މޯދީގެ މިޒިޔާރަތުގެ އަނެއް ބޭނުމަކީ އިންޑިޔާ އޮތީ ސްރީލަންކާގެ ތަމަޅައިންގެ ހައްގުތަކަށް ޖާމިނުވެގެންކަން ސްރީލަންކާ ސަރުކާރަށް ދެއްކެވުންކަމަށްވެސްވަނީ ބެލެވިފައެވެ.
މޯދީ އަކީ ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ ޖެފްނާއަށް ވަޑައިގެންނެވި އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރެވެ. (ރޮއިޓާސް)