ފްރީޓައުން (މާޗް 15): މަކަރާއި އޮޅުވާލުމުގެ ތުހުމަތު ތަކެއް ކުރިމަތިވެފައިވާ ސީރަލިޔޯންގެ ނައިބު ރައީސް ސަމުއެލް ސުސުމާނާ އެގައުމުގައި ހުންނަ އެމެރިކާގެ އެންބަސީއަށް ވަދެވަޑައިގެން ފިއްލަވައިފިއެވެ.

ސުސުމާނާ އެމެރިކާގެ އެންބަސީއަށް ވަދެވަޑައިގަތީ ސީރަލިޔޯންގެ ސިފައިން އޭނާގެ ގަނޑުވަރު ހިސާރުކޮށްފައިވާތީ ހިމާޔަތް ހޯދުމަށް ކަމަށާ އަދި ސިފައިން އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށްކަމަށްވެސް އެންބަސީގައި ދެއްވި ބަޔާނެއްގައި ސުސުމާނާ ވިދާޅުވިއެވެ.

ސިޔާސީ ހިމާޔަތް ހޯދުމަށްއެދި ރަސްމީކޮށް އެމެރިކާގެ އެންބަސީއަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެސް ސަމުއެލް ސުސުމާނާ ވިދާޅުވިއެވެ.

ސީރަލިޔޯންގެ ވެރިރަށް ފްރީޓައުން އިން ލިބޭ ޚަބަރުތައް ބުނާގޮތުން ސުސުމާނާގެ ގަނޑުވަރުގެ ކައިރިއަށް ސިފައިން ދިޔައީ އެގަނޑުވަރު ބަލަހައްޓާ ގާޑުން އެތަނުން ބާލައި ސިފައިންގެ ބެލުމުގެ ދަށަށް އެތަން ގެންދިޔުމަށެވެ. މިކަމަށް އެގައުމުގެ ރައީސް އާނެސްޓް ބައި ކްރޯމާ ސިފައިންނަށް އަމުރުކޮށްފައިނުވާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނާއިރު އެކަމަށް އަމުރުކުރީ ކޮންފަރާތަކުންކަން ސާފުވެފައެއްނުވެއެވެ. ނަމަވެސް އެގައުމުގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ސުސުމާނާގެ ގަނޑުވަރު ގެ ކައިރިއަށް ސިފައިން ދިޔައީ އެތަން މިހާރަށްވުރެ ރަނގަނޅަށް ބެލެހެއްޓުމުގެ ބޭނުމުގައެވެ.

ސުސްމާނާގެ ހަށިފާރަވެރިއަކު ދާދިފަހުންވަނީ އެބޯލާ ބަލިޖެހިގެން މަރުވެފައެވެ. ސުސުމާނާގެ ގަނޑުވަރު ގެ ކައިރިއަށް ސިފައިން ދިޔުމާއެކު އޭނާގެ އަންހެނުންނާއި ދަރިން ގަނޑުވަރުން ނުކުމެވަޑައިގެން ރައްކާތެރި ތަނަކަށް ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ސީރަލިޔޯންގެ ވެރިކަން ކުރާ ޕީޕަލްސް ކޮންގްރެސް ޕާޓީން މީގެ ދެހަފްތާކުރިން ސުސުމާނާގެ މައްޗަށް ކުރި މަކަރާއި އޮޅުވާލުމުގެ މައްސަލަތަކަކާ ގުޅިގެން މީގެ ދެހަފްތާކުރިން އެޕާޓީން ވަނީ އޭނާ ވަކިކޮށްފައެވެ. ނަމަވެސް ސުސުމާނާ ވަނީ މިތުހުމަތު ތަކަށް އިންކާރު ކުރައްވާފައެވެ. ސީރަލިޔޯންގެ ރައީސް އާނެސްޓް ބައި ކްރޯމާއާއި ނައިބު ރައީސް ސުސްމާނާގެ ގުޅުންތައް ގޯސްވެފައިވާތާ އަހަރަކަށްވުރެވެސް ގިނަ ދުވަސްވެފައިވެއެވެ.

ނައިބު ރައީސް ކަމަށް ސުސްމާނާ އިންތިޚާބު ކުރެވުނީ 2007 ވަނަ އަހަރުގައެވެ. ސީރަލިޔޯންއަކީ ހުޅަނގު އެފްރިކާގެ ވަރަށް ފަގީރު އަދި ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ބޮޑުބައެއް މުޅިން ހަލާކުވެ ސުންނާފަތިވެފައިވާ ގައުމެކެވެ. އަދި އެބޯލާ ބަލީގެ ސަބަބުން އެގައުމުގެ އާންމު ރައްޔިތުންގެ ޙާލަތު އިތުރަށް ދަށަށް ގޮސްފައިވެއެވެ. (ރޮއިޓާސް)