އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި އެއް ބޭފުޅަކަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރައީސްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ދޮރު ބައްދުވީ އެވެ. އެއާ އެކު އެތައް ބަޔަކު ލޮލުން ކަރުނަ އޮހޮލާރާއިރު ކުރެވޭ ސުވާލުތައް ގިނަ އެވެ. "އެންމެ ހަރަކާތްތެރި" ސިޔާސީ ލީޑަރުގެ ހުކުމާ އެކު އޭގެ ފަހަތުން އެތައް ކަމެއް ހިނގާނެ ކަމެކެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައިވާ އިރު ގިނަ ބަޔަކު އުފައްދާ ސުވާލަކީ ރައީސް ނަޝީދު ހަމަ 13 އަހަރު ވަންދެން ޖަލުގައި އިންނަވާނެތޯ ކުރެވޭ ސުވާލެވެ. އެބޮޑު ބަހުސް އެތައް ގޮތަކަށް އެބަކުރެވެ އެވެ. ތަފާތު އެކި ތިއަރީއަށް އެ ވާހަކަ ދެކެވެ އެވެ. އެއް ބަޔަކު ނަޝީދުގެ ސިޔާސީ ހަޔާތް ނިމުނު ކަމަށް ސިފަކުރާ އިރު އަނެއް ބަޔަކު ސިފަކުރަނީ އެއީ ނަޝީދަށް ކުރެވޭ ކެމްޕެއިނެއްގެ ގޮތުގަ އެވެ. ރައީސް ނަޝީދު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިނިވަން ކުރާނެ ކަމަށް އެއް ބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ ދެން ރައީސް ނަޝީދު އިންނަވަން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ކަމަށެވެ.

ބައެއް މީހުންގެ ވިސްނުންތައް ބުނާ ގޮތުން އަވަސް މުއްދަތެއްގައި ރައީސް ނަޝީދަށް މައާފު ލިބި މިނިވަންވާނެ އެވެ. މިހާރު ގާނޫނު ބުނާ ގޮތުން ކުށެއް ސާބިތު ވެއްޖެ މީހަކު މިނިވަން ވާނީ ހުކުމުގެ ތިން ބައިކުޅަ އެއްބައި ތަންފީޒު ކުރުމަށް ފަހު އެވެ. އެހެން ބުނެފައި ވިޔަސް މަޖިލީހުން ގާނޫނަށް އިސްހާލު ގެނެސް ރައީސް ނަޝީދު މިނިވަން ކުރަން ޕާޓީތަކުން ގުޅޭނެ ކަމަށް ވާހަކަދެކެވެ އެވެ. ފަހަރެއްގައި މިއީ ހަމަ ބަޔަކު ކޮށްލާ އުންމީދަކަށް ވުންވެސް ގާތެވެ. ނޫނީ މީގެ ފަހަތުގައި ކަމެއް އޮތުން ވެސް އެކަށީގެންވެ އެވެ. އެނގޭހާ ވެސް އެއްޗަކީ ބާރުލާފައި އެ ވާހަކަދެކެވޭ ކަމެވެ.

"ނަޝީދު މާގިނަ ދުވަހެއް ނުވެ ސަރުކާރުން މިނިވަން ކުރާނެ. ބޭނުމަކީ ސިޔާސީ މީހުންނަށް ހާއްސަކޮށް ނަޝީދަށް ސަރުކާރުން އަމަލު ކުރަނީ ރަނގަޅަށް ކަމަށް މުޅި ދުނިޔެއަށް ދެއްކުން. އެކަމަކު ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް އޮތްގޮތް ހަމަ އެގޮތަށް ބާއްވާނީ. ކެނޑިޑެސީގެ ފުރުސަތެއް ދެން ނުދޭނެ،" ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތަކުން ބުންޏެވެ.

އެއްބަޔަކު އެގޮތަށް ދެކޭ އިރު އަނެއް ބަޔެއްގެ ހިޔާލު ތަފާތެވެ. ރައީސް ނަޝީދު އަވަސް މުސްތަގުބަލެއްގައި މިނިވަން ކުރާނެ ކަމަށް ނުދެކޭ މީހުން ވެސް ގިނަ އެވެ. އެބޭފުޅުންގެ ވިސްނުމަށް ބަލާ އިރު 2018 ކުރިން ކޮންމެ ގޮތެއް ވިޔަސް ނަޝީދު މިނިވަނެއް ނުކުރާނެ އެވެ. އެއް ސަބަކަށް ބުނަމުންދަނީ 2018ގައި ނަޝީދު ހުރެ ވެރިކަން ހޯދުމަށް އެމްޑީޕީ އިން ނުކުމެއްޖެ ނަމަ އެޕާޓީ މާ ވަރުގަދަވާނެތީ އެވެ. އެހެންކަމުން ރާއްޖެ އިން ބޭރުގެ ވަރަށް ބޮޑު ޕުރެޝަރެއް އައިސްގެން ނޫނީ ނަޝީދު މިނިވަން ނުކުރާނެ ކަމަށް އެ ފަރާތްތަކުން ދެކެ އެވެ.

ރައީސް ނަޝީދުގެ ދައުރުގައި ވަޒީރުކަން ކުރައްވާފައިވާ މުހައްމަދު އަސްލަމް ވިދާޅުވާ ގޮތުގައި ރައީސް ނަޝީދަށް ހުކުމެއް ކުރުމުން ދުނިޔެ އިން އެކަން ބަލަން ނޯންނާނެ އެވެ. އަދި ރައީސް ނަޝީދަށް ހުކުމް ކުރުމުން ދުނިޔެ އިން ފިޔަވަޅު އަޅާނެ ކަމަށާއި "ރައީސް ނަޝީދު ނުހިފެހެއްޓޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ. ބައިނަލްއަގުވާމީ ގައުމުތަކުން ނަޝީދު މިނިވަން ކުރަން މަސައްކަތް ކުރާނެ ކަމަށް އަސްލަމް އެ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ކަންބޮޑުވުން ފާޅުކުރުން ފިޔަވައި މާކަބޮޑު ޕުރެޝަރެއް އައިތަނެއް އަދި ނުފެނެ އެވެ.

އެމޭރުމުން އެގޮތަށް ވާހަކަތައް ހުރި ނަމަވެސް ސަރުކާރުން ބުނަނީ ހުކުމް ތަންފީޒް ކުރައްވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާ ހަވާލާދީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވީ ޝަރުއީ ކޯޓުތަކުގެ ހުކުމް ތަންފީޒު ކުރެއްވުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.

ހުކުމާ އެކު ދެން އުފެދޭ ސުވާލަކީ ގައުމަށް އަންނާނެ ހަލަބޮލިކަމެވެ. އެ ޕާޓީގެ ތާރީހަށް ބަލާ އިރު އެއީ އެ ޕާޓީ އަށް އެފަދަ ކަންކަން ދިމާވާ ކޮންމެ ހިނދެއްގައި މުޅި ގައުމު ކައްކުވާލަ އެވެ. ނަމަވެސް އެއީ ކުރި އެވެ. ފަހަކަށް އައިސް އެފޯރިއެއް ނުފެނެ އެވެ. ރައީސް ނަޝީދަށް ކުރީ ރޭ ހުކުމް އިއްވި އިރު ސަލްސާކައިރިއަށް ގިނަ ބަޔަކު އެއްވެ ތިބިއިރު ވެސް ފާހަގަވެގެންދިޔައީ ހަމަ އެ މަންޒަރެވެ. ހުކުމާ އެކު ގިނަ ބަޔަކު މާޔޫސްވެ ލޮލުން ކަރުނަ އޮހޮރުނީ އެވެ. އެއާ އެކު އަމިއްލަ ޕާޓީ މެމްބަރުންނަށް ވެސް ފާޑުކިޔަން ފެށީ އެވެ.

"ކަލޭމެން އެއްމެން ސުމާޓް ފޯނުތައް ހިފައިގެން ދޭ ގެއަށް، ކޮންމެ މީހަކު ވެސް ފޮޓޯއެއް ލައިފައި، ޓުވީޓްކޮށްފައި ބުނާނެ މިހިރީ މުޒާހަރާގައޭ،" ކުރީ ރޭ ނަޝީދަށް ހުކުމްކުރި ވަގުތު އެޕާޓީގެ މުޒާހަރާގައި ހުރި އަންހެނަކު ޕާޓީގެ މެމްބަރުންނަށް އިޝާރާތްކޮށް ބުންޏެވެ.

ފަހުގެ ތާރީހެއްގައި އެމްޑީޕީ އަށް ދިމާވެފައިވާކަންކަމުގައި އެމްޑީޕީގެ ތެރެއިން ބައެއް މަސްދަރުތަކުގެ މައުލޫމާތުތަކަށް ބަލާއިރު ވެސް ނަޝީދަށް އެކުރި ހުކުމާ އެކު ވެސް މާބޮޑު ކަންތައްތަކެއް ހިނގަފާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް އާންމު ގޮތެއްގައި އެމްޑީޕީން މަގުތަކުގައި ބާއްވަމުން އަންނަ އެއްވުންތައް ބާއްވާނެ ކަމަށް ބެލެވެ އެވެ. ފަހަރުގައި އެ ފޯރި ނުނެރެވެނީ ކުރީގެ ތަޖުރިބާ އަށް ބަލައި ސިޔާސީ ކަންކަމާ މީހުން ފޫހިވެ، ދިރިއުޅުމާއިގެން ކުރިއަށް ދިއުން އެ އަށް ވުރެ މުހިންމު ކަމަކަށްވުމުން ކަމަށް ވުންގާތެވެ.

ދެންވެސް އޮތީ ބޮޑު ސުވާލެކެވެ. ނަޝީދަށް ކުރި ހުކުމާ އެކު އެމްޑީޕީ އަށް ވެގެންދާނެ ގޮތަކާ މެދު އެވެ. އެމްޑީޕީއާ އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ހުކުމާ އެކު އުފާކުރާނެ ބަޔަކު އެމްޑީޕީގައި ތިބޭނެ އެވެ. ސަބަބެއް ކަމަށް އެފަރާތްތަކުން ބުނަނީ ނަޝީދު އެމްޑީޕީގެ ލީޑާޝިޕްގައި ހުރިހާ ދުވަހަކު އެހެން މީހަކަށް ޖާގަ ނުލިބޭ ކަމަށް ގަބޫލް ކުރާ މީހުން އެ ޕާޓިގައި ތިބޭނެތީ ކަމަށްވާތީ އެވެ.

އެއީވެސް އެއްބަޔަކު ބުނަމުންދާ ވާހަކަ އެވެ. ނަމަވެސް އެ ޕާޓީ ދެކެ ލޯބިވާ ގިނަ ބަޔަކު ކުރާ ސުވާލަކީ ޕާޓީގެ އިސްކޮށް ފެންނާނީ ކޮން ބައެއްތޯ އެވެ. އެމްޑީޕީގެ ހިންގުމަށް ޕާޓީގެ ޗެއާޕާސަންއެއްގެ ގޮތުގައި މިވަގުތު ހުރި އަލީ ވަހީދަށް ބަލާ އިރު އޭނާ އަކީ ހިންގުންތެރި މީހެކެވެ. ހާއްސަކޮށް ޕާޓީގެ މެމްބަރުން ފޯރިއަރުވައި ޕާޓީގައި މެމްބަރުން ހިފެހެއްޓުމުގެ ގާބިލްކަން ހުރިކަން އޭނާގެ ކިބައިން މިހާތަނަށް ފެނެ އެވެ. ނަމަވެސް މަގުމަތީ ހަރަކާތާއި ރިޔާސީ އިންތިހާބަކަށް ނުކުމެ ހިންގަން ޖެހޭ ކަންކަން ކުރުމަށް އަލީ ވަހީދު އަދި ތަންކޮޅެއް ޅަވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އަލީ ވަހީދު ވިދާޅުވާ ހޮތުން ނަމަ އެމްޑީޕީ ކުރިއަށްދާނީ ރައީސް ނަޝީދުގެ ލަފާގެ މަތިންނެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެމްބަރުންގެ ހިތުގައި ރައީސް ނަޝީދަށް ދެއްވާފައިވާ މަގާމާ ލޯތްބެއް ބަދަލެއް ނުކުރެވޭނެ އެވެ. އެމްޑީޕީގެ ލީޑާޝިޕްގައި މި ވަގުތު ތިއްބެވި ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކީ ރައީސް ނަޝީދު މިނިވަން ކުރުން ކަމަށާއި އަދި ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހެދުމަކީ އެ ޕާޓީގެ ލީޑާޝިޕްގެ އެންމެ ބޮޑު އަމާޒު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ރައީސް ނަޝީދެއް ރިޕްލޭސްއެއް ނުކުރެވޭނެ، ދިވެހިރާއްޖޭގެ ދެ ވަނަ ރައީސް ނަޝީދެއް ދެވަނަ އަންނިއެއް ނެތް. އަދި ނުވެސް އަންނާނެ. އަޅުގަނޑުމެން ދެ މީހުން [ޗެއާ ޕާސަން އަލީ ވަހީދުއާއި ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް] މި ޕާޓީ ބައިބައިވެގެން ދިއުމަކަށް ނޭދޭނަން. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ރައީސް ނަޝީދުގެ ހިމާތުގައި އަޅުގަނޑުމެން ގައުމީ ފްރަންޓު ލައިނެއް އުފައްދާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ތަކުރާރުކޮށް އެމްޑީޕީ ބައިބައިވިއަކަ ނުދޭނެ ކަމަށް ވިދާޅުވަމުން އަލީ ވަހީދު ވިދާޅުވީ ޕާޓީގެ ލީޑާޝިޕުގައި މި ވަގުތު ތިއްބެވި ލީޑަރުންގެ އެއްވެސް "އަމިއްލަ އެދުމެއް" ނެތް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ޖަލުގައި އޮއްވާ އެމްޑީޕީ "ގެއަކަށް" ނުވަންނާނެ ކަމަށެވެ.

ނަޝީދު ނެގުމަށް ފަހު އެމްޑީޕީގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ސިޔާސީ ބޭފުޅާ ކަމުގައިވާ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވިދާޅު ވަނީ އެޕާޓީ އޮތީ ރައީސް ނަޝީދާއެކު ކަމަށެވެ. "މި ޕާޓީ ކުރިއަށް ދާނީ ރައީސް ނަޝީދުގެ ވިސްނުން ހުރި ގޮތަށް. ޕާޓީގެ ލީޑާޝިޕްގައި އެމަނިކުފާނަށް ދޭންޖެހޭ މަގާމު ލިބޭނެ. ގާނޫނު އަސާސީގެ އިމުގެ ތެރެއަށް މި ސަރުކާރު ވެއްދުމަށް މަސައްކަތް ކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.

ނަޝީދު މާގިނަ ދުވަހެއް ނެތި އެނބުރި ގެއަށް ވަޑައިގަންނަވާނެ ކަމަށް އެއްބަޔަކު ބުނަނީ އެވެ. އެއީ ކުރާ އުންމީދެއް ކަމެއް ނުވަތަ އޭގެ އިޝާރާތެއް ފެނިފައިވާކަމެއް އަދި ޔަގީނެއް ނުވެ އެވެ. މިހާތަނަށް މަލަމަތި ފެންނަ ގޮތުން އާންމު ހަލަބޮލިކަން ފިޔަވައި އިތުރު ކަމެއް އަދިއެއް ނުފެނެ އެވެ. ނަޝީދާ އެކު ނަޝީދުގެ ސިޔާސީ ހަޔާތްނިމުނު ކަމަށް އެއްބަޔަކު ބުނާ އިރު އެމްޑީޕީ އިން ބުނަނީ އެ ޕާޓީ ކުރިއަށް ދާނީ ނަޝީދުގެ ވިސްނުމުގައި ކަމަށެވެ. ކޮންމެ އަކަސް ސުވާލުތައް ގިނަ އެވެ. ޖަވާބު ޔަގީންވާނީ ދުވަސް ހިނގަމުންދާ ވަރަކަށެވެ.