15 Mar 2015, 02:01
ދެވަނަ ދައުރެއްގެ ވެރިކަން މި ސަރުކާރުން ހޯދާނެ ކަމަށާއި ޕީޕީއެމްއާއި އެމްޑީއޭގެ މި ސަރުކާރު އެހެން އެއްވެސް ޕާޓީއަކަށް "ގުޑުވާނުލެވޭނެ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.
އެމްޑީއޭ އިން މިރޭ ދ. މީދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުރޫފު ވިދާޅުވީ، މި ސަރުކާރަކީ އިޚުލާސްތެރި ސަރުކާރެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީނާ އެކީގައި އެމްޑީއޭ އިން ދެމިތިބޭނެ ކަމަށެވެ.
"މިސަރުކާރު ގުޑުވާލެވޭނެ އެއްވެސް ޕާޓީއެއް ﷲ އިރާދަކުރެއްވިއްޔާ ނޯންނާނެ. އެމްޑީޕީ އަށް ވެސް ޖޭޕީއަށް ވެސް އަދި އަދާލަތު ޕާޓީއަށް ވެސް ދަންނަވާލަން އޮތީ އަޅުގަނޑުމެންނާ ކުޅެއް ނަހައްދަވާށޭ. އަޅުގަނޑުމެންގެ މި ސަރުކާރު ވުޖޫދަށް އައީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް،" މައުރޫފު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓުގައި 24.3 ބިލިއަން ރުފިޔާ ޖަހައިގެން މިހާރު ސަރުކާރުން ދަނީ ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން ދާކަމަށާއި ރައްޔިތުންގެ އިހުސާސްތައް މި ސަރުކާރުން ދަންނަ ކަމަށް މައުރޫފު ވިދާޅުވި އެވެ.

މިއަދު އެކިއެކި ފަރާތްތަކުން ކުރައްވާ ޓުވީޓަކަށް ނުވަތަ ނެރޭ ނޫސްބަޔާނަކުން ނުވަތަ "ހައެއްކަ މީހުން ނުކުމެ" މަގެއްގައި މުޒާހަރާއެއް ކޮއްލުމަކުން މި ސަރުކާރުން ޖެހިލުން ނުވާނެ ކަމަށާއި މިއަދު ރާއްޖޭގައި އޮތީ މާފުރިހަ އަދި މާ ގާބިލް ސަރުކާރެއް ކަމަށް މައުރޫފު ވިދާޅުވި އެވެ.
ސަރުކާރަށް އިތުރަށް ތާއީދު ނުކުރަން ދާދިފަހުން ނިންމި އަދާލަތު ޕާޓީއަށް އިޝާރާތްކުރައްވައި މައުރޫފު ވިދާޅުވީ، މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އޮތް ސަރުކާރެއް ކަމަށް އަދާލަތުގެ ރައީސް ބުނަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު އަދާލަތުޕާޓީގެ ރައީސް އިމްރާނަށް ދަންނަވާލަން ބޭނުންވަނީ އެފަދަ ތާކުންތާކު ނުޖެހޭ ހަގީގަތެއް ނެތް ވާހަކަތައް ނުދައްކަވާށޭ. މި ގައުމުގަ އެންޓި ކޮރަޕްޝަން ކޮމިޝަނެއް އެބައޮތް. އެހެންވީމަ އަދާލަތު ޕާޓީގެ ރައީސް އެހެން ވިދާޅުވައިގެން މީހުން އިމްރާނޭ ކިޔައިގެން ދައްކާ ވާހަކަ އަޅުގަނޑުމެން ގަބޫލު ކުރަންވީތޯ،" މައުރޫފު ވިދާލުވި އެވެ.
އެމްޑީއޭއިން މީދޫގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި، އެރަށުގެ ރައްޔިތުންގެ އިތުރުން ދ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.