15 Mar 2015, 01:14
ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް އެދޭނަމަ، ދިވެހިންގެ ތެރޭގައި އުފެދިފައިވާ ހަސަދަވެރިކަމާއި ދެކޮޅުވެރިކަން ނައްތާލަންޖެހޭ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދ. މީދޫގައި އެމްޑީއޭގެ ފަރާތުން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމު ވިދާޅުވީ، ސުލްހަވެރިކަމާއި އަމާންކަން ނުގެނެސް ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. އަދި އެ ތަރައްގީ އަށްޓަކައި "މި ކުޑަ ވަތަނުގައި އޮތް އަލިފާން އަދާހެން އަދަމުންދާ ހަސަދަވެރިކަން ނައްތާލަން. ދެކޮޅުވެރިކަން ނައްތާލަން،" ޖެހޭ ކަމަށާއި އެ ޝައިތާނީ ފިކުރުން ސަލާމަތްވާންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އަނިޔާވެރިކަމުން ދުރުވާންވީ. ރާއްޖޭގެ ރައްޔިތުންގެ ފަސާދަވެރިކަން މިހާރުން މިހާރަށް ނެތިކޮށްލަންވީ. ރާއްޖޭގައި ވޭތުވެދިޔަ 10 ވަރަކަށް އަހަރު އަޅުނގަޑުމެންގެ އެއްބަނޑު އެއްބަފާ މީހުން މިތިބީ ދުޝަމަނުންނަށްވެފަ. އަވަށްޓެރިން މިތިބީ ދުޝްމަނުންނަށްވެފަ،" ސިޔާމު ވިދާޅުވި އެވެ.
ސިޔާސީ ބޭނުމަކު ފަސާދަ އުފައްދައިގެން ނުބައި ވާހަކަތައް ދައްކައިގެން ސަޕޯޓް ހޯދަން އުޅުނަސް ކަންވާނީ ގޯސްކޮށް ކަމަށާއި އެކަމުން ރަނގަޅެއް ނުލިބޭނެކަމަށް ވެސް އެމްޑީއޭގެ ލީޑަރު ވިދާޅުވި އެވެ.
މާތްﷲ ދުނިޔެއަށް އިންސާނުން ފޮނުއްވެވީ އެކަލާނގެއަށް އަޅުކަން ކުރުމަށާއި ދުނިޔެ ތަރައްގީކޮށް އިންސާނިއްޔަތަށް ހިދުމަތްކުރުމަށް ކަން ފާހަގަކުރައްވައި ސިޔާމު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ތަރައްގީއާއި މުއްސަނދި ކަމާ ހިތްހަމަޖެހުން ގެނަައުމަކީ އެންމެ މުހިއްމު އެއް މަސައްކަތް ކަަމަށެވެ. އަދި އެކަމުގައި ކަތްނެތްވެ، ފަހަތަށް ޖެހިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން، އެމްޑީއޭ ވުޖޫދަށް އައިސްފައިވަނީ އިންސާނިއްޔަތަށް ހިދުމަތް ކުރުމަށް ކަމަށާއި އެނޫން އެއްވެސް ބޭނުމެއް އެ ޕާޓީގައި ނެތް ކަމަށް ވިދާޅުވި އެވެ.

ސިޔާމު ވިދާޅުވީ، ރައްޔިތުން ސިއްސުވާލާ ފަދަ އެތަށް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓެއް ރާއްޖެއަށް އަންނާނެ ކަމަށެވެ. އަދި އެ އިންވެސްޓްމަންޓުތަކުގެ ސަބަބުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އެކަން ވެގެން އެދަނީ ދުރުވިސްނޭ، ރާއްޖޭގެ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ބޭނުންވާ ރައީސުލްޖުމްހޫރިއްޔާ އެއް ވެރިކަމުގައި ހުރުމުން ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ކިތަންމެ ކުޑަ ރަށެގައި ނަމަވެސް ކިތަންމެ ބޮޑު ރަށެއްގައި ނަމަވެސް ބޭނުންވާ އަސާސީ ހިދުމަތްތަކެއް އެބަހުރި. އެ އަސާސީ ހިދުމަތްތައް ލިބިގަތުމަށްޓަކައި ރާއްޖޭގެ ރައްޔިތުން ވަނީ ވޭންދެނިވި އަދި ވަރަށް ހިތި ތަޖުރިބާތަކެއް ކޮށްފައި. އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންތައްތައް ދައުލަތުގެ ފަރާތުން ކޮށްދިނުމުގެ ގާބިލްކަން ހުންނާނެ. ސަބަބަކަށް ވަނީ އިގްތިސާދު ކުރިއަށްގެންދަން އިނގޭތީ،" ސިޔާމު ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ، ޒުވާނުން ސަރުކާރު ހިންގުމުގައި ބާރުވެރި ކުރުވަންޖެހޭ ކަމަށާއި އެކަމަށްޓަކައި ވެރިމީހާ ކުރާ ކަމަކީ ހެޔޮ ރަނގަޅު ކަމެއްކަން ދެނެގަންނަ ބާރު ލިބިފައިވާ ތައުލީމެއް އާރާސްތު ކުރަންޖެހޭ ކަމަށެވެ.
ޅަދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް އެކުދިން ރަނގަޅުގޮތުގައި މުޖުތަމައުއަށް ގެނައުމަށްޓަކައި މަސައްކަތްކުރުމަށް ހުރިހާ ރައްޔިތުންނަށް ސިޔާމު ވަނީ ގޮވާލައްވާފައެވެ.
"ރާއްޖޭގައި މިއޮތް ސިޔާސީ ހަލަބޮލިކަމަށް ވެއްޓި ގޮސް، އޮށްގާ އުކުމާއި ފަސާދަ އުފެއްދުމާއި ރައްޔިތުންގެ ތެރެއިން ބައިބައި އުފެއްދުމުގެ ތެރެއަށް ޒުވާނުންނާއި ކުޑަކުދިން ދާނަމަ ރާއްޖޭގެ ކުރިއެރުމެއް ދުވަހަކު ވެސް ނުފެންނާނެ،" ސިޔާމު ވިދާޅުވި އެވެ.
އެމްޑީއޭއިން މީދޫގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި، އެރަށުގެ ރައްޔިތުންގެ އިތުރުން ދ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.