15 Mar 2015, 00:34
ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުން އެމަނިކުފާނު މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އިދިކޮޅު އެމްޑީޕީން ގަރާރެއް ފާސްކޮށްފި އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ހުށަހެޅުއްވި މި ގަރާރު ފާސްވީ ގައުމީ މަޖިލީހަށް މިރޭ ވަޑައިގެން ހުރިހާ މެމްބަރުންގެ އިއްތިފާގުން ނެވެ.
ސޯލްޓު ކެފޭގައި މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހަށް (އިބޫ) ހުށަހެޅުވި މި ގަރާރުގައި ބުނެފައި ވަނީ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ރޭ ކުރި ހުކުމަކީ ރައީސް ޔާމީންގެ ސިޔާސީ ވާދަވެރިން ނެތިކޮށްލުމަށް ކުރި މަސައްކަތެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ދިޔައިރު އެތަކެއް ހައްގުތަކަކުން އެމަނިކުފާނު މަހުރޫމް ވެފައިވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
"އަދި ސިޔާސީ އެހެން ފަރާތްތަކަށް ނުހައްގުން ދެމުންދާ އަދަބުން މިންޖުކޮށް މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށާ އަދި މިކަމުގައި އެހެން ސިޔާސީ ޕާޓީތަކާ ހެޔޮ އެދޭ އެންމެހާ ފަރާތްތައް އެންމެ ފުޅާ މިނެއްގައި ޝާމިލްކުރުމަށް ކުރެހެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް،" ގަރާރުގައި ބުނެފައިވެ އެވެ.
އިބޫ ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ގައުމީ ފެންވަރުގައި "މަދަނީ ބަސްނޭހުމުގެ" ހަރަކާތްތައް ހިންގަން ޖެހޭ ކަމަށާއި ޝަރުއީ ނިޒާމް އިސްލާހުކޮށް ކޯޓުތައް މިނިވަން ކުރަންޖެހޭ ކަމަށެވެ. އަދި މުޒާހަރާތަކާއި އިހުތިޖާޖުތައް ކުރުމަށާއި ތަފާތު ޕެޓިޝަންތައް ހަދައި އެ ޕެޓިޝަންތަކުގައި ސޮއިކުރުމަށް ވެސް ގަރާރުގައި ވަނީ ބުނެފަ އެވެ.
މި ގަރާރާ ގުޅޭ ގޮތުން ވާހަކަދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ މި ގަރާރަށް ތާއީދުކޮށް ވާހަކަފުޅުދައްކަވައިފަ އެވެ.
ރައީސް ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި، އެމަނިކުފާނު އިސްކޮށް ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބުތުވުމުންނެވެ.