15 Mar 2015, 00:20
އިޖުތިމާއީ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަވީރު މީޑިއާ ގްރޫޕުން ކުރިއަށްގެންދާ "ހަވީރު ކޮމިއުނިޓީ ކެއާ ޕްރޮގްރާމް"ގެ ދަށުން ހަތަރު "ނޯން ގަވާންމެންޓް އޯގަނައިޒޭޝަން" އަކާއެކު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.
ހޮނިހިރު ދުވަހު ޝީ ބިލްޑިންގައި އޮތް ރަސްމިއްޔާތެއްގައި ހަވީރުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ސޮސައިޓީ ފޮ ހެލްތު އެޑިއުކޭޝަން (ޝީ) އާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ބްލޫޕީސް އަދި ކެއާ ސޮސައިޓީ އާއެކު އެވެ.
އެ ރަސްމިއްޔާތުގައި ހަވީރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ހަވީރުގެ އެގްޒެކިއުޓިވް ޑިރެކްޓަރު ވާއިލް ޒާހިރު ހުސައިން އެވެ. އަދި ޝީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ އޯގަނައިޒޭޝަންގެ ސީއީއޯ ޝިއާރަތު ހާޝިމް އެވެ. އާކްގެ ފަރާތުން އެގްޒެކެޓިވް ޑިރެކްޓަރު ޒެނީޝާ ސައީދު ސޮއި ކުރައްވާފައިވާއިރު ބްލޫޕީސްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރިލްވާން އެވެ. މީގެ އިތުރުން ކެއާ ސޮސައިޓީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑައިރެކްޓަރ އޮޕަރޭޝަންސް އައިމިނަތު ސަލީމް އެވެ.
ހަވީރުން ބުނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މީޑިއާއިން އެންމެ ބޮޑަށް އަދާ ކުރަނީ އާންމު ހޭލުންތެރި ކުރުމުގެ ދައުރު ކަމަށެވެ. އެގޮތުން އިޖުތިމާއީ ގޮތުން އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކައި ގުޅިގެން އެ މަސައްކަތް ކުރާނެ ކަމަށް ހަވީރުން ވަނީ ބުނެފައެވެ.
އިޖުތިމާއީ ގޮތުން އެހީތެރި ވުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ހަވީރުން ވަނީ ބުނެފައެވެ. އެގޮތުން ސުނާމީއާ ގުޅިގެން އެހީތެރިވުމަށް ހާއްސަ ފުޓުބޯޅަ މުބާރާތެއް ބާއްވައި ފަންޑްރައިޒް ކޮށްފައިވާ ކަމަށް އެ މީޑިއާއިން ބުންޏެވެ. އެފައިސާ ބޭނުންކޮށްގެން ގުރައިދޫގައި ސްކޫލެއް އަޅާފައިވާ ކަމަށްވެސް ހަވީރުން ވަނީ ބުނެފައެވެ.