ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ އެ ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު މަރުވެފައި އޮއްވާ ފެނުނީ މިއަދު މެންދުރުފަހު 3:30 އެހާކަންހާއިރު، އޭނާ ދިރިއުޅުއްވާ ހޮސްޕިޓަލްގެ ފްލެޓުގެ އެޕާޓްމަންޓުގައި ކަމަށެވެ.

ހޭނައްތާ ޑޮކްޓަރު މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ފިރިކަލުންނަށް ކަމަށާއި ފިރިކަލުންނަކީ ވެސް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިއަދު ހެނދުނު 10:30 އެހާކަންހާއިރު ޑޮކްޓަރު ކުރަންޖެހޭ ސާޖަރީގެ މަސައްކަތްތައް ނިންމަވާލެއްވުމަށްފަހު، ރެސްޓުކޮށްލެއްވުމަށް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަޑައިގަތީ. ދެން އޭގެފަހުން ޚަބަރެއް ނުވެގެން ފިރިކަލުން ގޮސް ބެލިއިރު ނިޔާވެފައި އޮއްވާފެނުނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އުމުރުން 50 ވަރަކަށް އަހަރުގެ އެ ޑޮކްޓަރު މިހާރު އޮތީ ގަލޮޅު މޯޗަރީގައި ކަމަށާއި މާދަމާ ރޭ ފްލައިޓުން ޑޮކްޓަރުގެ ގައުމު ކަމުގައިވާ ރަޝިޔާއަށް ހަށިގަނޑު ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ.