14 Mar 2015, 22:33
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީން "ދަ މެސެޖް" ގެ ނަމުގައި ބާއްވަމުން އަންނަ ސިލްސިލާ ދަރުސްތަކުގެ ތެރެއިން އަންނަ މަހު ބާއްވާ ދަރުހުގައި ތަގުރީރު ކުރެއްވުމަށް މެލޭޝިއާގެ ދީނީ އިލްމުވެރިއެއް ކަމަށްވާ، ޝެއިހް ހުސެއިން ޔީ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ވަހުދަތު ވަރުގަދަ ކުރުމަށާއި ޒުވާނުންގެ ހިތްތަކުގައި ދީނީ ރޫހު އާލާ ކުރުމަށް ޓަކައި އިސްލާމިކް މިިނިސްޓްރީން ބާއްވަމުން އަންނަ ސިލްސިލާ ދަރުސްތަކުގެ ތެރެއިން ހަތަރު ވަނަ ދަރުހުގައި އަންނަ މަހުގެ 10 ވަނަ ދުވަހު، ޝެއިހް ހުސެއިން ޔީ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ، "ކާމިޔާބު ޒުވާނަކަށް އަދި މީހަކަށް ވާނީ ކިހިނެއް؟"، މި މައުލޫގެ މައްޗަށެވެ. އަދި ދަރުހުގެ ތަރުޖަމާ އިއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އަންނަ މަހުގެ 10 ވާ ހުކުރު ދުވަހު ބާއްވާ ދަރުހުގައި ތަގުރީރު ކުރެއްވުމުގެ އިތުރުން އެ ދުވަހުގެ ހުކުރު ހުތުބާ ވެސް އިނގިރޭސި ބަހުން ޝައިހް ދެއްވާނެ ކަމަށެވެ. އަދި "މައިންބަފައިންނަށް ކަމޭ ހިތުން" މި މައުލޫގެގެ މައްޗަށް އެ ދުވަހު ދެއްވާ ހުތުބާގެ ހުލާސާ ތަރުޖަމާ ވެސް ފޯރުކޮށްދޭނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ޗައިނާގެ ދަރިކޮޅަށް ނިސްބަތްވާ މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ ޝެއިހް ހުސެއިން ޔީ އަކީ ކުރިން ބުދު ދީން ގަބޫލުކުރެއްވި ބޭފުޅެކެވެ. ނަމަވެސް އުމުރުން 18 އަހަރުގައި އިސްލާމްވެ ވަޑައިގަތުމަށްފަހު، ޝައިހް ވަނީ ސައުދީ އަރަބިއްޔާގައި ހުންނަ މަދީނާ ޔުނިވާސިޓީގެ ހަދީޘް ފެކަލްޓީން ކިޔަވައި ވިދާޅުވެފަ އެވެ.
މީގެ އިތުރުން، ދީނީ މައުލޫމާތާއި ޕްރޮގްރާމްތައް ގެނެސްދޭ ޕީސްޓީވީގެ ގިނަ ޕްރޮގްރާމްތަކެއް ހުށަހަޅައިދެމުންދާ ޝައިހް ވަނީ 20 ވަނަ ގަރުނުގައި އެންމެ މޮޅު ދީނީ އިލްމުވެރިޔާ ކަމަށް ގިނަ އިލްމުވެރިން ދެކިލައްވާ އަލްބޭނިއާގެ ދީނީ އިލްމުވެރިއެއް ކަމަށްވާ މުހައްމަދު ނާސިރުއްދީން އަލް އަލްބާނީ އާއި ސައުދީ އަރަބިއްޔާގެ އިސް މުފްތީގެ މަގާމް އަދާކުރައްވާފައިވާ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ އަބްދުލް އަޒީޒް ބިން އަބްދުﷲ ބިން ބާޒުގެ އަރިހުން އިލްމު ހޯއްދަވާފައެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ސިލްސިލާ ދަރުސްތަކުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ދަރުހުގައި ތަގުރީރު ކުރައްވާފައިވަނީ އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. ޔާސިރު ގާޟީ އެވެ.