14 Mar 2015, 22:24
ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ރޭ ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް އިހުތިރާމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ކްރިމިނަލް ކޯޓުން އިއްވި ހުކުމް މަތީމަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ރާއްޖޭގެ ގާނޫނުތަކުން ރައީސް ނަޝީދަށް ލިބިގެންވާ ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން ބައިނަލްއަގުވާމީ ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު، ބިނާކުރަނިވި ގޮތެއްގައި އިހްތިރާމާ އެކު ފާޑުކިޔައި، ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި ރާއްޖެއާ އެކު މަސައްކަތް ކުރުމަށް އެފަރާތްތަކަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.
ތިން ބާރު ވަކިވެފައިވާ ދައުލަތެއްގެ ގޮތުގައި މި ސަރުކާރު ދެމިއޮންނާނޭ ކަމަށާއި އެގޮތުން ގާނޫނު ނަގަހައްޓައި، ރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތަށް، ދައުލަތުގެ ބާރުތައް ވަކިވެފައި އޮތް އޮތުން ކަށަވަރުކުރުމުގައި، ސަރުކާރުން ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން ދޭކަމަށް އެ ބަޔާނުގައިވެ އެވެ.