އިންޑިއާގެ ބޮޑުވަޒީރު ނެރަންދުރަ މޯދީ ސްރީލަންކާ އަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުން އޮތީ މިއަދު މެންދުރު ފަހު ކަލަމްބޯގަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ސްރީލަންކާ އަށް އިއްޔެ ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގައި މިއަދު ވަނީ ޖެފްނާ އަށް ޒިޔާރަތް ކުރައްވައިފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވީ ޖެފްނާ އަށް ވެސް އެއް ހަމައަކުން ތަރައްގީ އަންނަން ޖެހޭ ކަމަށާއި އަދި އެއް ހަމައަކުން އިހްތިރާމް ލިބެން ޖެހޭ ކަމަށެވެ.

މޯދީ އަކީ ޖަފްނާގެ އަހުލީ ހަނގުރާމަ އަށް ފަހު އެ ސަރަހައްދަށް ވަޑައިގަން ދެ ވަނަ ލީޑަރެވެ. އެންމެ ފުރަތަމަ އެ ސަރަހައްދަށް 2013 ވަނަ އަހަރު ވަޑައިގަތީ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރޫން އެވެ.

އިންޑިއާގެ ތަމަޅަ ނަސްލުގެ މީހުން ގިނަ އަދަދަކަށް އުޅޭ ޖެފްނާ އަށް މޯދީ މިއަދު ކުރެއްވި ދަތުރުފުޅުގައި، ތަމަޅަ ހަނގުރާމާގައި ގެދޮރު ގެއްލުނު މީހުންނަށް ގާއިމު ކުރި 27،000 ގެދޮރު ވަނީ ހަވާލުކޮށްދެއްވައިފަ އެވެ.

އެ ގެދޮރުތަކަކީ ތަމަޅަ ހަނގުރާމަށް ފަހު ގެދޮރު ނެތް އާއިލާތަކަށް އިންޑިއާ ސަރުކާރުން ގާއިމުކޮށްދިން ގެދޮރުތަކެކެވެ.