މާލޭގައި މޫދަށް އެރިއުޅުމަށް ހާއްސަކޮށްފައިވާ "ސްވިމިން ޓްރެކް" ސަރަހައްދުން ކަނޑުހަރުފައެއް މިއަދު ފެނިއްޖެ އެވެ.

އެ ހަރުފަ ފެނިފައިވަނީ ޓްރެކް ސަރަހައްދަށް މޫދަށް އެރި އުޅުނު ބަޔަކަށް މިއަދު މެންދުރު އެވެ. އެމީހުން ވަނީ އެ ހަރުފަ ހިފުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ، މިއަދު މެންދުރު ޓްރެކް ސަރަހައްދުން ފެނުހަރުފައެއް ފެނިފައިވާ ކަމަށެވެ. އޭގެ ދިގުމިނުގައި ގާތްގަނޑަކަށް ދެ ފޫޓް ހުރި ކަމަށް ފުލުހުން ބުންޏެވެ. އެހަރުފަ މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއަދު މާލޭ ސްވިމިން ޓްރެކް ސަރަހައްދުން ފެނުނު ކަނޑުހަރުފަ -- ފޮޓޯ: ފޭސްބުކް

ރާއްޖެއިން އާންމުކޮށް ނުފެންނަ ވިހަ ހަރުފައެއް މިއަދު މާލޭ ފަޅުތެރެއިން ފެނިފައިވާއިރު މީގެ ކުޑަދުވަސްކޮޅެއް ކުރިން ކިނބޫތަކެއް ވެސް ރާއްޖެއިން ފެނިފައި ވެއެވެ. އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ކޮންމެ އަހަރަކުވެސް ޖެނުއަރީމަހު ރާއްޖޭ މޫދުތަކުން އެފަދަ ތަފާތު އެއްޗެތި ފެންނަ ކަމަށެވެ.