14 Mar 2015, 19:15
ކޮންމެ އަހަރެއްގެ މާޗް މަހުގެ 14 ވަނަ ދުވަހު ދުނިޔޭގައި ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ ޑްރޯން ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކޮށްފި އެވެ.
ޑްރޯން އަކީ ރަނގަޅު އެއްޗެއް ކަމާއި ޑްރޯންތައް ރަނގަޅު ގޮތުގައި ބޭނުން ކުރެވިދާނެ ކަން ދެއްކުމުގެ ގޮތުން ފާހަގަކުރާ ޑްރޯން ދުވަސް ރާއްޖޭގައި ފާހަގަކޮށްފައިވަނީ މިނިވަން 50 އާއި ގުޅިގެން ހިންގާ ހަރަކާތެއްގެ ގޮތުގައެވެ.

ރާއްޖޭގައި ޑްރޯން ދުވަސް ފާހަގަކުރުމަށް ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެގޮތުން، މިއަދު އުފެދިގެން ވުޖޫދަށް އައި މޯލްޑިވްސް ރޭޑިއޯ ކޮންޓްރޯލް ފެޑަރޭޝަނާއި ހޯމް މިނިސްޓްރީ ގުޅިގެން ޑްރޯން ދުވަސް ފާހަގަކުރުމަށް މިއަދު ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ހަރަކާތްތައް ފައްޓަވައިދެއްވީ، ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ހަރަކާތްތައް ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު އުމަރު ވަނީ ގައުމީ ދިދަ ހަރުކޮށްފައި އިން ޑްރޯން އެއް އުދުއްސަވާލައްވާފަ އެވެ.
"ޑްރޯންސް އާ ގުޑް" ގެ ޝިއާރުގެ ދަށުން މިއަދު ހަވީރު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ޑްރޯންތައް އުދުހުމުގެ ހަރަކާތްކާއި ޑްރޯން ބޭނުން ކޮށްގެން މީހުން ސަލާމަތްކުރެވޭނެ ގޮތްތައް ދައްކާލުމުގެ ހަރަކާތެއްގެ އިތުރުން ރިމޯޓް ކޮންޓްރޯލް ހެލިކޮޕްޓަރާއި މަތިންދާބޯޓު އުދުއްސުމާއި ރިމޯޓްކޮންޓްރޯލް ކާރު ރޭސިން އަދި ސްޓަންޓްސް ހިމެނެ އެވެ. އަދި އެ ހަރަކާތްތައް މިރޭ ވެސް ރާޅުގަނޑުގައި ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ރޭޑިއޯ ކޮންޓްރޯލް ފެޑަރޭޝަނުން މައުލޫމާތުދެ އެވެ.

ރާއްޖޭގައި ޑްރޯން ދުވަސް ފާހަގަކުރުމަށް ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޑްރޯން ދުވަހާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، މޯލްޑިވްސް ރޭޑިއޯ ކޮންޓްރޯލް ފެޑަރޭޝަނުގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު އަކްރަމް ވިދާޅުވީ، ޑްރޯން ދުއްވުމަކީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫން ކަމަށާއި ކޮންމެ މީހަކަށް ވެސް މުނިފޫހިފިލުވުމުގެ އިތުރުން ވިޔަފާރި އެއްގެ ގޮތުން ވެސް ޑްރޯން އުދުއްސޭނެ ކަމަށެވެ.
"މި ހަރަކާތުގެ ބޭނުމަކީ 'ޑްރޯންސް އާ ގުޑް'ގެ ތީމުގެ ދަށުން ޑްރޯން ބޭނުންކޮށްގެން ކުރެވެން ހުރި ހުރިހާ ކަމެއް ހުރިހާ އެންމެންނަށް ހިއްސާކޮށްދީ ބޭނުންކުރެވޭނެ ރަނގަޅު ގޮތްތައް އެންމެންނަށް ހާމަކޮށްދިނުން،" އަކްރަމް ވިދާޅުވި އެވެ.

ޑްރޯން ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވީ، މޯލްޑިވްސް ރޭޑިއޯ ކޮންޓްރޯލް ފެޑަރޭޝަންގެ ފަރާތުން ޑްރޯން އެއްޗެހި އުފައްދާނެ ގޮތްތައް ކިޔައިދީ، ޑްރޯން ބޭނުންކޮށްގެން ރައްޔިތުންނަށާއި ގައުމަށް ކޮށްދެވިދާނެ ކަންތައްތަކަށް އަހުލުވެރި ކުރެވޭނެ ކަމަށެވެ.

ޑްރޯން ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން، ރާއްޖޭގެ އަތޮޅުތައް ވެސް ބާކީނުކޮށް، ފެޑަރޭޝަންގައި ތިބި މާސްޓާސް ފެންވަރުގެ ބޭފުޅުންނާއެކު ރާއްޖޭގެ ކުދިންނަށް ޑްރޯން އުދުއްސުމާއި ރޮބޮޓިކްސް ކިޔަވައިދީ ރާއްޖޭން ބޭރުގައި ބާއްވާ މުބާރާތްތަކަށް ކުދިން ތަމްރީން ކުރުމުގެ ވިސްނުމެއް އެބަހުރި ކަމަށް އަކުރަމް ވިދާޅުވި އެވެ.