14 Mar 2015, 19:02
ދ. ހުޅުދެލީ ނަރުދަމާގެ މަޝްރޫއު އިފްތިތާހުކޮށްފި އެވެ. މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އިއްޔެ ހަވީރު އެރަށު ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި މިނިސްޓަރު އޮފް ހައުސިން އިންފްރާސްޓްރަކްޗާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ރަސްމިއްޔާތުގައި ސިޔާމް ދެއްކެވި ވާހަކަފުޅުގައި ވަނީ އަޚުލާގީ ގޮތުން ރަނގަޅު، ގައުމު ދެކެ ލޯބިވާ ދަރީން ތަކެއް ބިނާކުރުމަށް އެންމެން ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރާން ފެށުމަށް ގޮވައިލައްވައިފަ އެވެ. ގައުމުގައި ފަސާދަ އުފައްދައި ހަލާކުގެ މަގަށް ގައުމު ވެއްޓިގެންދާ ފަދަ ކަންކަމަށް ހިތްވަރުދޭ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުޅޭކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ އަޅުގަނޑުމެން ދަރީން ތަރުބިއްޔަތުކޮށް މުޖުތަމައަށް ނެރެން ވާނީ އެފަދަ ފަސާދައިގެ ތެރެއަށް ހެއްލިގެން ނުދާނޭ ފަދަ ހަރުދަނާ ބައެއްގެ ގޮތުގައި ކަަށެވެ.

"ދިވެހީންގެ ތެރޭގައި ކުރީން އޮތް އުޚުއްވަތްތެރިކަމުގެ ވެށި އަލުން ގާއިމް ކުރަން އެބަ ޖެހޭ. ލޯތްބާ އެކު، އެކަކު އަނެކަކާ އަޅައިލާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަ ޖެހޭ. އާއިލާގެ ހުރިހާ މެންބަރުންނަކީ ގުޅިގެން އުޅެވޭ ބަޔަކަށް ވާން އެބަ ޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ހިނިތުންވުން އާާލާކުރުވަން އެބަ ޖެހޭ،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ޓޫރިޒް ބޮއިކޮޓް ކުރަން ގޮވާ ބަޔަކު ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅޭ ކަމަށާއި ރާއްޖެއަށް ޓޫރިސްޓުން ނައުމަށް އެމީހުން ގޮވައިލާ ކަމަށެވެ. ރާއްޖޭގެ އާމްދަނީގެ 80 އިންސައްތަ އަކީ ޓޫރިޒަމުން ވަންނަ ފައިސާ ކަމަށާއި އެހެން ކަމުން އެފަދަ ފަރާތްތަކަށް ހަގީގަތުގައި އެ ގޮވައިލެވެނީ ރާއްޖެ ފަގީރުކަމުގެ ތެރެއަށް ވައްޓައިލުމަށް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. އެހެން ކަމުން އެފަދަ ފަރާތްތަކަށް އެއްވެސް ބަޔަކު ވާގިވެރި ނުވުމަށާއި ފަގީރު ކަމާ ދިމާއަށް ވަޑައިނުގަތުމަށް ވެސް ސިޔާމް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް އިތުރަށް ވިދާޅުވީ ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވެސް އިރާދަފުޅުކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.

ސިޔާމް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ކޮށްދެވޭނީ ކަންކަން ކުރުމުގެ އަމަލީ ތަޖުރިބާ ހުރި ބަޔަކަށް ކަމަށާއި މިއަދުގެ ރައީސް، ރައީސް ޔާމީނަކީ އެ ފަދަ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އިގުތިސާދު މޮޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. ރައީސް ޔާމީނުގެ ވިސްނުން ފުޅަކީ، އަދި އެމްޑީއޭ ޕީޕީއެމް ކޯލިޝަންގެ ހަމަ އެކަނި ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތްކޮށް ގައުމު ތަރައްގީކުރުން ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ސިޔާމްގެ އިތުރުން އެމްޓީސީސީގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ހުސެއިން ސާލިމް މުހައްމަދާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވެސް ވާހަކަދެއްކެވި އެވެ.
ހުޅުދެލީ ނަރުދަމާގެ މަސައްކަތް ފެށޭތާ ހަމަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި ޚިދުމަތް ލިބޭނެ ކަމަށް އެމްޓީސީގެ ޗެއާމަން ވިދާޅުވި އެވެ.