14 Mar 2015, 18:24
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ރޭ ބޭއްވި ދެ ޝަރީއަތުގެ މަޖިލީސްގެ ދެމެދުގައި، އަސާސީ ހައްގުތަކުން މަހުރޫމްވާގޮތަށް ނޫސްވެރިނާ މެދު ކްރިމިނަލް ކޯޓުގެ މުވައްޒަފުންތަކެއް އަމަލުކޮށްފައިވާ ކަމަށްބުނެ، އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އަންގައިފި އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "އަސާސީ ހައްގުތަކުން މަހުރޫމްވާގޮތަށް ނޫސްވެރިނާ މެދު ކްރިމިނަލް ކޯޓުގެ މުވައްޒަފުންތަކެއް އަމަލުކޮށްފައިވާ ކަމަށްބުނެ ފުލުސް އޮފީހަށް ރޭ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ ހުށަހަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަމަށް"، އެ މައްސަލަ ހުށަހެޅި ފަރާތްތަކަށް އަންގާފައި ވާނެ ކަމަށެވެ.
އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ އެމްބީސީގެ ޑެޕިއުޓީ އެޑިޓަރު މުހައްމަދު އަފްސަލް އާއި ސީއެންއެމްގެ ޖާނަލިސްޓު މިސްބާހު އައްބާސް އަދި އަވަސް އޮންލައިންގެ ޖާނަލިސްޓު މުއިއްޒު އިބްރާހީމެވެ.
ރޭ ކްރިމިނަލް ކޯޓުގައި ހިނގައިދިޔަ ކަންތަކާ ގުޅިގެން ސީއެންއެމްގެ ޖާނަލިސްޓު މިސްބާހު ބުނީ ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާގައި ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހަށްފަހު ގަޑިއެއްހާއިރު ވަންދެން، ޝަރީއަތް އަޑުއަހަން ދިޔަ މީހުންނާއި ނޫސްވެރިން ފާޚާނާއަށް ފޮނުވާފައިނުވާ ކަމަށެވެ.
"ތަކުރާރުކޮށް އަޅުގަނޑުމެން އެދުނިން ފާޚާނާއަށް ފޮނުވައިދީބަލާށޭ. ފުރަތަމަ ކޯޓު މާސްޓަރު ބުނީ ފާޚާނާ ހުރީ ހަލާކުވެފައޭ. ދެން ނޫސްވެރިން ބުނީ ވަރަށް ބޮޑަށް ފާޚާނާއަށް ދާންޖެހިގެންނޭ މިއުޅެނީ. ބޭރުގައި ހުރި މިސްކިތު ފާޚާނާއަށް ފުލުހުންނާ އެކު ނަމަވެސް ފޮނުވަދިން އެދުނު. ތަކުރާރުކޮށް އާދޭސްކޮށްކޮށް ތިއްބާ ގަޑިއެއްހާއިރުފަހުން ފާޚާނާއަށް ފޮނުވަން ފެއްޓީ،" މިސްބާހު ބުންޏެވެ.
އޭނާ ބުނީ ބައެއް ނޫސްވެރިން ފާޚާނާއަށް ދާން އުޅުމުން، ފާޚާނާގައި ހުއްޓައި ޝަރީއަތް ފެށިއްޖެނަމަ ޝަރީއަތުގެ މަޖިލީހަށް ނުވަދެވޭނެ ކަމަށް ވެސް ކޯޓު މާސްޓަރުން އަންގާފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ކޯޓުން ވަކިގޮތެއް ނިންމީމަ އެކަމަށް އަމަލުކުރަންޖެހޭނެ ކަމަށެވެ. އަދި ނަންނޯޓު ކޮށްފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތަށް ކަމަށާއި އެ މައްސަލައިގެ ޝަރީއަތް ބާއްވާފައި ވަނީ ފުރަތަމަ އަޑުއެހުން ބޭއްވުމަށްފަހު، މެދުކެނޑުމަކަށް ފަހު ކަމަށް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ނޫސްވެރިން ބަންދުކޮށްފައި ބޭތިއްބިކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެފަދަ އެއްވެސް ކަމެއް ކޯޓުން ކޮށްފައިނުވާނެ ކަމަށެވެ.