ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެފައިވާ ޝަރީއަތުގައި އެމަނިކުފާނަށް ލިބެން ޖެހޭ ހައްގުތައް ލިބިފައިނުވާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ޖިނާއީ ކޯޓުގައި ކުރިއަށް ދިޔަ އިރު އަސާސީ ބައެއް ހައްގުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް އެ މަނިކުފާނަށް ލިބިފައިނުވާ ކަމަށެވެ.

"ގާނޫނު އަސާސީ އިން ހަމަ ކޮންމެ މީހަކަށް އިންސާފުވެރި ޝަރީއަތެއް ކަށަވަރުކުރުމުގެ ގޮތުން ލިބިދޭން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ އަސާސީ ބައެއް ހައްގުތަކާއި މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ބައެއް ހައްގުތައް [ ނަޝީދަށް] ލިބިދެވިފައި ނުވާކަން ކޮމިޝަނުން ހިތާމަޔާ އެކު ފާހަގަކުރަން،" އެޗްއާރްސީއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދަށް ލިބިފައި ނުވަނީ ކޮން ހައްގުތަކެއް ކަން އެބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ.

އެޗްއާރްސީއެމް އިން އިތުރަށް ބުނީ ޝަރީއަތާ ގުޅިގެން ގެއްލިދާ ހައްގުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިމިނަލް ކޯޓަށް އެކަން ހުށައަޅާފައިވާ ކަމަށާއި ނަމަވެސް ހުކުމް ކުރުމާ ހަމައަށް ވެސް އެ ފުރުސަތު ދީފައިނުވާ ކަމަށެވެ. އެހެންކަމަށް ވުމުން އެކޮމިޝަންގެ ކަންބޮޑުވުންތައް އެމައްސަލަ އިސްތިއުނާފު މަރުހަލާގައި ފަނޑިޔާރުންގެ އިޒްނައާ އެކު ކޯޓަށް ހުށައެޅުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެކޮމިޝަން އިން ބުންޏެވެ.

ޝަރީއަތުގައި ހިނގައި ދިޔަ ކަންކަން މޮނީޓާ ކުރުމަށް އެ ކޮމިޝަނަށް ކުރެވުނު އެއްވެސް މަސައްކަތެއް ކާމިޔާބު ވެފައިނުވާ ކަމަށާއި އަދި އެކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހީނަރުކަން ލިބިފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ. އެ ފުރުސަތު ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށައެޅި ކަމަށް ވެސް ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ރައީސް ނަޝީދުގެ ވެރިއަކަށް ހުންނަވައިގެން ހައްޔަރު ކުރި މައްސަލަ ނަޝީދުގެ މައްޗަށް ރޭ ސާބިތުވެ ނަޝީދު ވަނީ 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.