18 Feb 2011, 01:46
ރާއްޖޭގައި ކުޑަކުދިން ހިމާޔަތް ކުރުމުގެ މަސައްކަތަށް އެކަށީގެންވާ ނަތީޖާއެއް ނުލިބެނީ ޝާމިލްވާ ފަރާތްތައް އެކުގައި މަސައްކަތް ނުކުރާތީ ކަމަށް ނައިބު ރައީސް ޑޮކްޓަރު މުހައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ބަނޑޮހުގައި ބުދަ ދުވަހު ފެށި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކަމާބެހޭ ދެ ދުވަހުގެ ގައުމީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ކުޑަކުދިންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށާއި އެކުދިން ޙިމާޔަތް ކުރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.
ޑރ. ވަހީދު ވިދާޅުވީ ކުޑަކުދިން ޙިމާޔަތް ކުރުމުގެ މަސައްކަތަށް އެކަށީގެންވާ ނަތީޖާ ނުލިބޭ އެންމެ ބޮޑު ސަބަބަކީ، މިކަމުގައި ޝާމިލްވާ ތަފާތު އޭޖެންސީތައް އެކުގައި މަސައްކަތް ކުރަންވީ މިންވަރަށް މަސައްކަތް ނުކުރެވުން ކަމަށެވެ. ނަމަވެސް މަހާސިންތާއިން އެކުލަވާލި ޤަރާރުގައި، އެކަމާބެހޭ މަސައްކަތް ވިލަރެސް ކުރެއްވުމަށް ދާއިމީ ކޮމިޓީއެއް ހަދަން ހުށަހަޅުއްވާފައިވާތީ މަރުޙަބާ ދަންނަވާ ކަމަށް ވިދާޅުވި އެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވައި، ކުދިން ޙިމާޔަތް ކުރުމަށް އަލިއަޅުއްވާލައްވައި ނައިބު ރައީސް ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާ އާއި، އެ އަނިޔާތައް ހިންގާ ގޮތާ ބެހޭ ގޮތުން މުޖުތަމައު އާއި އާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި، ކުޑަކުދިންނަށް ލިބޭ އަނިޔާގެ ސަބަބުން ކުދިންނާއި އާއިލާތަކާއި މުޖުތަމަޢަށް ލިބޭ ގެއްލުން ދެނެގަނެ، އެކަމުގެ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފަތުރަން ޖެހޭ ކަމަށެވެ.
ކުޑަކުދިން ހިމާޔަތް ކުރުމަށް، އަނިޔާ ލިބުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމު ކުރުމުގެ ބޭނުންތެރި ކަމުގެ މައްޗަށް ވެސް ޑރ. ވަހީދު ބައްލަވާލެއްވި އެވެ. ވިދާޅުވީ ކުށްކުރާ ކުޑަކުދިންނާއި ޒުވާނުންގެ އަދަދު އިތުރުވަމުންދާތީ، ކުށްކުރާ ކުދިންގެ މައްޗަށް ޢަދާލަތު ތަންފީޒު ކުރުމުގައި، ކުށްކުރާ ކުދިންނަށް އިތުރު އަނިޔާއެއް ދިނުމުގެ ބަދަލުގައި، އެކުދިން ރަނގަޅުކޮށް އަނބުރާ މުޖްތަމަޢަށް ގެނެވޭނެ ގޮތަކަށް ޢަދާލަތު ރާވައިހިންގުން މުހިންމު ކަމަށެވެ.
ކުޑަކުދިން ޙިމާޔަތްކޮށް އަނިޔާތައް ހުއްޓުވުމަކީ، ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަ މަށް ވެސް މަހާސިންތާ ނިންމުމުގެ ޖަލްސާގައި ޑރ. ވަހީދު ވިދާޅުވީ އެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ކުރެވޭނީ ސަރުކާރާއި މަދަނީ މުޖްތަމަޢު ގުޅިގެން ކަމަށެވެ.