14 Mar 2015, 15:18
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތުގެ އިންސާފުވެރިކަމާއި މިނިވަންކަމާއި ދޭތެރޭ ސުވާލު އުފެދޭ ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) އިން ބުނެފި އެވެ.
ރައީސް ނަޝީދު ޝަރިއަތާ ބެހޭ ގޮތުން ޓީއެމުން ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ނުދިނުމާއި އެ މަނިކުފާނުގެ ގާނޫނީ ވަކީލުންނަށް އެކަށީގެންވާ ގޮތުގައި ތައްޔާރުވުމަށް ފުރުސަތު ނުދިނުން ހިމެނޭ ކަމަށް މި ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މި މައްސަލާގައި މަސްލަހަތުގެ ފުށުއެރުންތައް ދިމާވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އޭގެ ތެރޭގައި ނަޝީދުގެ ޝަރީއަތް ހިންގުމަށް އެކުލަވާލި ތިން ގާޒީންގެ ބެންޗުގައި ހިމެނޭ ދެ ބޭފުޅުންނަކީ ކުރިން ރައީސް ނަޝީދާއި ދެކޮޅަށް ހެކިބަސް ދީފައިވާ ފަރާތްތައް ކަން ވަނީ ފާހަގަކޮށްފަ އެވެ.
އިސްތިއުނާފުގެ މަރުހަލާތަކުގައި ރައީސް ނަޝީދަށް އެކަށީގެންވާ ވަގުތު ދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
ރާއްޖޭން ސޮއިކޮށްފައި ވާ ބައިނަލް އަގުވާމީ މުއާހަދާއަށް ކަމޭހިތުމަށް ވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވަނީ ގޮވާލާފައިވެ އެވެ.
ރާއްޖޭގެ ސަލާމަތީ ހާލަތު އިތުރަށް ގޯސް ނުކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކާއި އާއްމު ރައްޔިތުން މަޑުމައިތެރިވެ ތިބުމަށް ވެސް ވަނީ މި ބަޔާނުގައި ބުނެފަ އެވެ.
ޓެރަރިޒަމްގެ ޝަރީއަތް ރައީސް ނަޝީދުގެ މައްޗަށްކޮށް، އެ މަނިކުފާނުފާނު މި ވަގުތު ހުންނެވީ ޖަލުގަ އެވެ.